ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ އެޗްއާރްސީއެމްގެ ހަތަރު މެންބަރުންގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން އައްޔަނު ކުރެއްވުމަށްޓަކައި އެ މަގާމަށް ކުރިމަތިލުމަށް ހުށަހެޅުމުގެ މުއްދަތު މިއަދު އިތުރުކޮށްފައިވާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކުރައްވާފައި ވަނީ އޯގަސްޓު މަހުގެ ފަހެއް ވާ ބުދަ ދުވަހުގެ މެންދުރު 12:30 ގެ ނިޔަލަށެވެ.

މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މާދަމާއި ފެށިގެން އޯގަސްޓު 4 އަދި 5 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސް އޮފީހުންނެވެ.

އަދި، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް ގެ އޮފީހުގެ ވެބްސައިޓު www.presidencymaldives.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

އެޗްއާރްސީއެމްގެ މެންބަރުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު އިތުރު ކޮށްފައިވާއިރު، މި މަހުގެ 19 ވަނަ ދުވަހު އެ ކޮމިޝަންގެ މެމްބަރު މޫސާ އަލީ ކަލޭފާނު މަގާމުން ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އަދި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ކޮމެޓީން ކުރިއަށް ގެންދަނިކޮށް، ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އަދި އެ ކޮމިޝަނުގެ މެމްބަރު އާއިޝަތު އަފްރީން މުހައްމަދު ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.