އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީ ހުޅުދޫ އަދި މަރަދޫގައި ގާއިމްކުރާ ގޭދޮށު މަސް ޕްލާންޓް އިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އައްޑޫ ސިޓީގައި ބޭއްވި އެ ރަސްމިއްޔާތުގައި ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދު އާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މާލޭގައި ތިއްބަވައިގެން ވަޗުއަލްކޮށް ވަނީ ބައިވެރިވެވަޑައިގަނެފައެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްއާއި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ އިތުރުން އިންޑިއާ ހައިކޮމިޝަނާއި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުން ވަނީ ވެސް ވަޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު ވިދާޅުވީ އެ މަޝްރޫއުގައި ސޮއިކުރުމަކީ އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ އިޖްތިމާއީ އަދި އިގްތިސާދީ މަޝްރޫއުތަކުގެ ތެރެއިން މުހިއްމު މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއާއެކު އައްޑޫ ސިޓީއަށް އިތުރު އިންވެސްޓްމަންޓްތައް އައުމަށް މަގުފަހިވެ، އެ ސިޓީގެ އިގްތިސާދީ ހާލަތު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު ވިދާޅުވިއެވެ.

އޭގެ އިތުރުން މަސްވެރިކަމާ ގުޅުން ހުރި ބައެއް ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެކަންވެސް ފޮރިން ސެކްރެޓަރީ ފާހަގަކުރެއްވިއެވެ.