ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރު ކަމުން އެ ކޮމިޝަނުގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުރި މުހައްމަދު ޒާހިދު ވަކިކޮށްފިއެވެ.

ޒާހިދު ވަކިކުރުމަށް 61 މެންބަރުން ވޯޓު ދެއްވާފައިވާއިރު، އޭނާ ވަކިކުރުމާ ދެކޮޅަށް ވޯޓު ދިނީ 2 މެންބަރެކެވެ. އޭނާއާއެކު އެ ކޮމިޝަނުގެ އިތުރު 3 މެންބަރުން މަގާމުން ވަކިކުރަން މަޖިލީހުން ނިންމާފައިވީ ނަމަވެސް އެ 3 މެންބަރުން މަގާމުން އިސްތިއުފާ ދީފައިވާތީ މަގާމުން ވަކިކުރީ ހަމައެކަނި ޒާހިދެވެ.

މަގާމުން ވަކިކުރުމަށް ނިންމާފައި ވަނިކޮށް އެޗްއާރްސީއެމްގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައި ވަނީ، ރައީސް އާމިނަތު އީނާސް އަދި އެ ކޮމިޝަނުގެ މެންބަރު އައިޝަތު އަފްރީން އަދި އެ ކޮމިޝަނުގެ މެންބަރު މެންބަރު މޫސާ އަލީ ކަލޭފާނެވެ.

އީނާސާއި އަފްރީން އިސްތިއުފާ ދެއްވާފައި ވަނީ އެ ކޮމިޝަން މެންބަރުން ވަކި ކުރުމުގެ މައްސަލަ ދިރާސާކޮށް ކުރިއަށް ގެންދަން ޖެހޭ އިޖުރާއަތްތައް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވާފަައި ވަނިކޮށެވެ. އަދި މޫސައާއި ޒާހިދު ވަކިކުރަން ޖެންޑާ ކޮމިޓީން ނިންމާފައިވަނީ ކޮމިޓީއަށް ދޮގު މައުލޫމާތު ދިނުމާއި މަގާމު އަދާކުރުމުގެ ގާބިލުކަން ނެތްކަމަށް ބުނެއެވެ. އެގޮތުން އެޗްއާރްސީއެމަށް ހުށަހަޅާފައިވާ ގިނަ މައްސަލަތަކެއްގައި އިހުމާލެ ވެފައިވާކަން ޖެންޑާ ކޮމިޓީން ފާހަގަކުރެއެވެ.

އޭގެ ތެރޭގައި މަރާލާފައިވާ ބްލޮގާ ޔާމީން ރަޝީދުގެ މައްސަލައާއި ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ގުޅޭ މައްސަލަތަކެއްގައި އިހުމާލުވެފައިވާކަން ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މެންބަރު މޫސާ އަލީ ކަލޭފާނުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްވެސް ޖެންޑާ ކޮމިޓީން ވަނީ ބަލާފައެވެ. މޫސާ އަލީ ކަލޭފާނަށް ތުހުމަތުކުރަނީ އޭނާ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތް ކުރެއްވި ދުވަސްވަރު 24 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ތުހުމަތެވެ.

އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ކުރުމަށް ހިއުމަން ރައިޓްސް ކޮމިޓީން އެދި ތަޅުމަށް ފޮނުވިއިރު، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި އެޗްއާރުސީއެމްގެ މެންބަރުން އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް އެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވެއެވެ.