އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ރާއްޖެިން ފުރުވާ ނުލެވި ކަރެކްޝަންގެ ބެލުމުގެ ދަށުގައި ހުރި ޔަމަނުގެ ރައްޔިތެއް ކަމަށް ވާ ޔާސިރު ޔަހުޔާ ހާލު ދެރަވެގެން އައިޖީއެމް ހޮސްޕިޓަލުގެ ވެނެޓިލޭޓަރުގައި ފަރުވާ ދެމުން ދާކަން އެނގިއްޖެއެވެ،

އޭނާގެ ހާލު ދެރަވެފައި ވަނީ ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކޮށް ކަން އިންކާރު ކުރުމުގެ ސަބަބުން ޕްރިޒަންސް ކޮމިޝަނާ އަހުމަދު މުހައްމަދު މިއަދު ވަނީ ވިދާޅުވެފައެވެ.

އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ރާއްޖެއިން ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިވާ ޔަމަނުގެ ރައްޔިތެއްކަމަށްބުނާ މީހާ ވަނީ ކެއުމަން އިންކާރުކުރުމުގެ ސަބަބުން ހާލު ސީރިޔަސް ވަމުންދާކަމަށް ފެންނާތީ، އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންދެވިދަނީ ފަރުވާދެވެމުން
އަހުމަދު މުހައްމަދު

ޔަހުޔާއަކީ ޓެރަރިޒަމާ ގުޅުން ހުރި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައި ހުރި މީހެކެވެ. އޭނާގެ ތަފާތު ޓްރެކް ރެކޯޑް އޮތް އިރު ޓެރަރިޒަމާ ގުޅުން ހުރި މައްސަލަތަކުގައި ރާއްޖެ ނޫން ގައުމުތަކުގައިވެސް އޭނާ ބަނދު ކުރިއެވެ. ނަމަވެސް އޭނާއަށް ރާއްޖެ އާދެވުމުން، ރާއްޖޭގައި އުޅުމުގެ ތެރޭގައި ވަނީ ދިވެއްސަކާ ކައިވެނިކޮށް ކުއްޖަކުވެސް ހޯދާފައެވެ.

އަދި އޭނާއަކީ ޓެރަރިޒަމާ ގުޅުން ހުރި މީހެއް ކަން އެނގިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔައީ މާޗް 3، 2017، ގައެވެ. އެއަށް ފަހު ދައުވާއެއް ނުކޮށް ބަންދުކޮށްފައި ބެހެއްޓުމުން، އޭނާ މީގެ ކުރިންވެސް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރިއެވެ. އެފަހަރު ހާލު ދެރަވެ އައިޖީއެމްއެޗްގައި އައިވީ ގުޅައިގެން ފަރުވާ ދީފައިވެސް ވެއެވެ. އެފަހުން އޭނާ ކާން ފެށިކަމަށް ކަމާބެހޭ އިދާރާތަކުން މީގެ ކުރިން ވަނީ ބުނެފައެވެ.

ޔަހުޔާ ހައްޔަރު ކުރީ، އޭނާ ދޫކޮށްލާފައި ހުރެއްޖެ ނަމަ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުން ވެދާނެ ކަމަށް ބެލެވޭތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވެއެވެ.