ކޮވިޑް-19 އާ ގުޅޭ ގޮތުން ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި، މިހާރުގެ ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވަޒީރުންގެ މަޖިލީހާ މިއަދު ހިއްސާކޮށްފިއެވެ.
މިއަދު ވަޒީރުންގެ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ކޮވިޑާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި، ރޯގާގެ ހާލަތަށް އަންނަ ބަދަލާ ގުޅިގެން އިތުރަށް ހަމަޖައްސަންޖެހޭ އެކިއެކި އިންތިޒާމުތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލތަކަށް ގެންގޮސްފައި ވަނީ މިދޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އޭރު ފެންނަމުން އައި ކޭސްތަކާ ބަލާއިރު ފަހުން ފެންނަމުންދިޔަ ޕޮޒިޓިވް ކޭސްތައް މަދުވުމާ އެކު ވަނީ ލޮކްޑައުންގެ ހާލަތަށް ލުއިތަކެއް ދޭން ފަށާފައެވެ. އެ ގޮތުން ރާއްޖެ ވަނީ ނިއު ނޯމަލްގެ އާ އާންމު ހާލަތަށް ހުޅުވާލައި ބޭރަށް ނުކުމެ އުޅުމާއި ވިޔަފާރިތަކާއި ކެފޭ ރެސްޓޯރަންޓުތަކާއި ޕާކުތައްވެސް ހުޅުވާލާފައެވެ. އަދި މިހާރު މާލެތޭރޭގައި މީހުންނަށް ނުކުމެ އުޅޭވޭ ވަގުތުވެސް ވަނީ ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ހަމަޖައްސާފައެވެ.
ސަރުކާރު އޮފީސްތައް ހުޅުވާލައި ސްކޫލަތްތައްވެސް ހުޅުވާލައިގެން ކުރިއަށް ގެނދަން ފަށާފައިވާ އިރު މި ތަންތަނުގައި ކޮވިޑަށް ރައްކާތެރިވުމުގެ ފިޔަވަޅުތަކެއްގެ ގޮތުގައި ގައިދުރުކަން ދެމެހެއްޓުމާއި މާސްކް އަޅައިގެން ތިބެން ޖެހޭ ގޮތަށް އަމަލު ކުރުމަށް ވަނީ އަންގާފައެވެ.
މިހާރު ރާއްޖެއިން ކޮވިޑް ބަލި ޖެހިފައިވާ މީހުންގެ އަދަދު 2999 އަށް އަރާފައެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން 2369 މީހުން ރަނގަޅުވެފައި ވާއިރު މި ހާރު މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 600 މީހުންނެވެ.
ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވީ 15 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ. 10 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ އިރު އެއީ ދޮށީ އުމުރުގެ މީހުންނެވެ. އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނަކާއި 80 އަހަރުގެ ފިރިހެނަކާއި 59 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނަކާއި 79 އަހަރުގެ ދިވެހި އަންހެނެކެވެ.
މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.