މާސްކު އެޅުމަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ގުޅިގެން އެކުލަވާލާފައިވާ އިސްތިރާޖުގެ ތެރެއިން ކުރާ ކަމެއްގެ ގޮތުގައި އޮންނަ އޮތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ތާއީދު ކުރާ ކަމަށާ، ނަމަވެސް، އެއީ އާންމު ސިއްހަތާ ގުޅިގެން އަޅަންޖެހޭ މުހިންމު އެހެން ފިޔަވަޅުތަކެއްގެ ބަދަލުގައި ބޭނުންކުރާ އެއްޗަކަށް ވެގެން ނުވާނެ ކަމަށް ކޮވިޑް-19އަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައި ހުންނަވާ ފަންނީ އިސްވެރިޔާ މާރިއާ ވެން ކެރްކޯފް ވިދާޅުވެއްޖެއެވެ.

ޑަބްލިއުއެޗްއޯއިން ކުރިއަށް ގެންދާ ސިލްސިލާ ބްރީފްގައި ވާހަކަދައްކަވަމުން ވެން ކެރްކޯފް ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ގައުމުތަކުން އެކުލަވާލަމުންދާ އިސްތިރާޖުތަކުގައި މާސްކު އެޅުން ހިމަނަމުންދާކަމާ، ވަކިން ހާއްސަކޮށް، ޖިސްމާނީ ގައިދުރުކަން ބޭއްވެން ނެތް ހާލަތްތަކުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ހަތިޔާރެއްގެ ގޮތުގައި މާސްކު ބޭނުން ކުރުމުގެ ފިކުރު، ގިނަ ސަރުކާރުތަކަކުން ގެންގުޅޭކަމަށެވެ.

ސިންގަޕޫރުުގެ ހިޖުރަވެރި ބިދޭސީ މަސައްކަތްތެރިން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އެސްސީއެމްޕީ

ނަމަވެސް، މާސްކު އެޅުމަކީ، އާންމު ސިއްހަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެހެންވެސް އަޅަންޖެހޭ ފިޔަވަޅުތަކުގެ ބަދަލުގައި ކުރާ ކަމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ބަލައި ނުގަންނާނެ ކަމަށްވެސް ވެން ކެރްކޯފް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19އިން ދިފާއުވުމަށް މިވަގުތަށް އޮތް އެންމެ މުހިންމު އެއް ފިޔަވަޅަކީ ގިނަގިނައިން، ރަނގަޅަށް އޮތް ދޮވުން ކަމަށްވާއިރު، އެކަށީގެންވާ ގޮތެއްގައި މިކަން ނުކުރުމަށް ހިޔާރު ކުރާ ބަދަލު އާލާތަކީ މާސްކު ކަމުގައި ވެގެން ނުވާނެ ކަމަށް ވެން ކެރްކޯފް ވިދާޅުވިއެވެ. އަދި މާސްކަކީ ޖިސްމާނީ ގައިދުރުކަން ތަންފީޒު ނުކުރުމަށް ދައްކާ ހުޖުތަކަށް ނުހެދުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

މިމޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ވެން ކެރްކޯފް ވިދާޅުވީ، މާސްކު ބޭނުން ކުރުމަކީ ކޮވިޑް-19އަށް ޓެސްޓު ކުރުމާ، ކޮންޓެކްޓް ޓްރޭސް ކުރުމާ، ކަރަންޓީނު ކުރުމުން އެއްކިބާވާން ޖެހޭ ސަބަބެއްވެސް ނޫން ކަމަށެވެ.

ނިއު ނޯމަލް: މާސްކު އަޅައިން ބޭރުގައި އުޅޭ ބައެއް / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ވެން ކެރްކޯފް ވިދާޅުވީ، މި ހުރިހާ ފިޔަވަޅުތަކަކީވެސް ވަށާޖެހިފައިވާ އުސޫލަކުން ފުރިހަމަ ގޮތެއްގައި ތަންފީޒު ކުރެވިގެންދާންޖެހޭނެ ކަންކަން ކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން މުޖުތަމައުގެ ތެރޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް އޮތް މުހިންމު އެއް ފިޔަވަޅަކީ ކޮންޓެކްޓް ޓްރޭސިންގްއަށް ހޭދަވާ މުއްދަތާ، ޓެސްޓު ކުރުމަށް ހޭދަވާ މުއްދަތު ކުޑަކުރުން ކަމަށް ދާދި ފަހުން އާންމު ކުރި ދިރާސާއަކުންވެސް ވަނީ ދައްކާފައެވެ. އެގޮތުން ޓެސްޓުގެ ނަތީޖާ 5 ދުވަހަށްވުރެ ލަސްވާނަމަ، އެކަމުން ކުރާނެ މާ ބޮޑު ފައިދާ އެއް ނެތް ކަމަށްވެސް އެ ދިރާސާގައި ވަނީ ބުނެފައެވެ.