އާސަންދައިގެ ދަށުން އިންޑިއާއަށް ދިޔަ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ އާސަންދައިގެ ދަށުން އިންޑިއާއަށް ދިޔަ ބަލި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއީ އަންހެނެއް ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް މިއުވާން ވިދާޅުވިއެވެ. އަދި މިހާރު އޭނާ ހުރީ އައިސޮލޭޝަންގައި ކަަމަށްވެސް އޭނަ ވިދާލުވިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އާސަންދައިން ބުނީ ޕޮޒިޓިވް ވެފައިވާ ކަން އެނގިފައި ވަނީ އިއްޔެ ކަމަށާއި އެއީ މި މަހުގެ 15 ވަނަ ދުވަހު ފުރި ފްލައިޓުން ދިޔަ މީހެއް ކަމަށެވެ.
އެމީހާ އަކީ ކެންސަރަށް ފަރުވާ ކުރަމުންދާ މީހެއް ކަމަށާއި ޕޮޒިޓިވް ކަން އެނގިފައި ވަނީ ކެންސާ ޓްރީޓްމެންޓް ފެށުމުގެ ކުރިން ހެދި ޓެސްޓުން ކަމަށް އާސަންދައިން ބުނެއެވެ. އަދި މާލެއިން ފުރުމުގެ ކުރިން ހެދި އެ މީހާގެ ޓެސްޓްގެ ނަތީޖާ ނެގެޓިވް ކަމަށްވެސް އާސަންދައިން ބުނެއެވެ.
މިހާރު ކުރެވެމުންދާ މަސައްކަތަކީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކަމަށްވެސް އާސަންދައިން ބުނެއެވެ.
ރާއްޖެ ލޮކްޑައުން ކުރި ފަހުން އާސަންދައިގެ ދަށުން އިންޑިއާއަށް ވަނީ ދެ ފްލައިޓެއް ފުރާފައެވެ. އެ ދެ ފްލައިޓުން އާސަންދައިގެ ދަށުން ބޭސްފަރުވާއަށް 87 މީހަކު ވަނީ އިންޑިއާއަށް ގޮސްފައެވެ. އެއީ މިމަހުގެ 14 ވަނަ ދުވަހު 59 މީހުންނާ އެކު ފުރާފާވާ ޕްލައިޓަކާއި ރާއްޖެއިން ފުރަރަމަ ލޮކްޑައުނަށް ފަހު 28 ދިވެހިންނާއެކު ފަރުރުކޮށްފައިވާ ފްލައިޓެކެވެ.
ރާއްޖެއިން ފުރި ފުރަތަމަ ފްލައިތް ދަތުރުކޮށްފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.
އާސަންދައިން ބުނެފައިވަނީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަން ދިއުމަށް ގިނަ ބަލިމީހުން ލިސްޓުކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިންވެސް އެންމެ ކްރިޓިކަލް ބަލިމީހުން ފަރުވާއަށް ފޮނުވުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް އާސަންދައިން ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.