ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އިތުރު ހަ ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފިއެވެ.

އެގޮތުން ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓަކާއި އަމިއްލަގޮތުން ކުރިމަތިލާފައިވާ ތިން ކެނޑިޑޭޓުންގެ އިތުރުން އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ ދެ ކެންޑިޑޭޓުން ހިމެނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން 21 ކެނޑިޑޭޓެއްގެ ނަން މިހާތަނަށް ގެންގޮސްފައިވާއިރު ފަސް ކެނޑިޑޭޓެއްގެ ނަން ވަނީ އިލެކްޝަންސް ކޮމިޝަނުން އުނިކޮށްފައެވެ. އެ ކެނޑިޑޭޓުންގެ ތެރޭގައި ނިޔާވި ކެނޑިޑޭޓެއް ހިމެނެއެވެ.

އިލެކްޝަންސްއިނުން ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ މައުލޫމާތު އާންމުކޮށްފަައިވާ މައުލޫމާތުގެ ތެރޭގައި ހިމެނެނީ މިއަދު ނަން ގެންގޮސްފައިވާ 6 ކެނޑިޑޭޓުންނާއި މިމަހުގެ 13 ވަނަ ދުވަހު ނަން ގެންގޮސްފައިވާ 8 ކެންޑިޑޭޓެއްގެ އިތުރުން 15 ވަނަ ދުވަހު ނަން ގެންގޮސްފައިވާ 8 ކެނޑިޑޭޓަކުއެވެ.

ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިޔުމުގެ އުސޫލުގައި ބުނެފައި ވަނީ ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު ހުޅުވާލައި، އެކަން އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށާއި އަދި އެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަހުގެ ކުރިން، މުއްދަތު ހަމަވާ ތާރީހު އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށެވެ.

މި އަހަރުގެ އޭޕްރިލް މަހު ބާއްވަން ތާވަލުކޮށްފައި އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު، ކޮވިޑް-19 އާ ގުޅިގެން ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.