ރާއްޖޭގައި ހުންނަވާ އިންޑިއާ ހައި ކޮމިޝަނަރު ސަންޖޭ ޝުދީރުއާ އިދިކޮޅު ކޯލިޝަންގެ ބޭފުޅުން މިއަދު ބައްދަލު ކުރައްވައިފިއެވެ.
އިންޑިއާ ހައި ކޮމިޝަންގައި ބޭއްވި ބައްދަލުވުމަށް ފަހު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ހައި ކޮމިޝަނަރާއެކު ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ރާއްޖޭގެ މުއައްސަސާތައް ހަރުދަނާ ކުރުމަށް އިންޑިއާގެ ހުށަހެޅުންތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރެވުނު ކަމަށާއި ރާއްޖޭގެ ތަރައްގީއާއި ރާއްޖޭގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.
އިދިކޮޅު ކޯލިޝަންގެ ފަރާތުން އެ ކޯލިޝަންގެ އެޑްވައިޒަރުންގެ މަގާމަށް ހަމަޖެއްސެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ދާދި ފަހުން އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގެން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން އެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ވަނީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު އިންޑިއާގެ ހައިކޮމިޝަނަރާ ބައްދަލު ކުރައްވާފައި އެ ވަނީ މި ސަރުކާރާ އިންޑިއާ އާ ދެމެދު އޮތް ގާތް ގުޅުމަށް އިދިކޮޅުގެ ފާޑު ކިއުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ކުރީގެ ސަރުކާރުން ޗައިނާއާ ދެމެދު ބޭއްވި ގާތް ގުޅުން ހީނަރު ވެފައިވާ ކަމަށް ދެކެވިފައިވާ ވާހަކަތަކަށް ޗައިނާގެ ސަފީރު ރައްދު ދެއްވާ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމަށް ހީނަރު ކަމެއް ނާންނާނެ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.