ޖުލައި މަހުގެ ބިލު ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ ފަރާތުން ވާހަކަ ދައްކަވަމުން ހުސައިން ފަހުމީ ވިދާޅުވީ، މި އަހަރުގެ މެއި އަދި ޖޫން މަހުގެ ކަރަންޓު ބިލު ބޮޑުވުމާއެކު ސާވޭއެއް ކުރިއަށް ގެންގޮސްފައިވާ ކަަމަށާއި، އެ ގޮތުން މާލެ ސަރަހައްދުން 700 އެއްހާ ގޭބިސީއެއް މި ސާވޭގައި ބަލާފައިވާ ކަމަށެވެ. އެ ގޮތުން މިހާތަނަށް އައި އިރުވެސް ކަރަންޓު ބޭނުން ކުރާ އަދަދު ދަށް ނުވާ ކަމަށް ފާހަގަ ކުރެވިފައިވާ ކަަމަށާއި އެހެންކަމުން މި ހިނގާ ޖުލައި މަހުގެ ބިލު ވެސް ބޮޑުވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކަރަންޓު ބިލު ބޮޑުވެގެން މައްސަލަ ހުށަހަޅާފައިވާ ބައެއް ގޭބިސީތަކަށް ގޮސް ބެލި ބެލުމުގައި މީޓަރުތަކުގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ފަހުމީ ވިދާޅުވިއެވެ. ދެން ކަރަންޓު ބިލު ބޮޑުވާން ދިމާވި ސަބަބު ހޯދުމަށް ބެލި ބެލުމުގައި ބައެއް ގެތަކުގައި އޭސީ ޖައްސާފައި ހުރެ ކުޑަ ދޮރު ހުޅުވާފައި ބެހެއްޓުން ފަދަ ކަންކަން ފާހަގަ ކުރެވުނު ކަމަށް ފަހުމީ ވިދާޅުވިއެވެ. ހަމައެއާއެކު ތީވީ އަދި އެހެނހެން އިލެކްޓްރޯނިކް ސާމަނުތައް ސްޓޭންޑްބައިގައި ބަހައްޓާަފއި ހުރުމަކީވެސް ކަރަންޓު ބިލް ބޮޑުވާން ދިމާވާ ސަބަބެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު ނަޖާހު ވިދާޅުވީ، ކޮވިޑްއާ ގުޅިގެން ކަރަންޓު ބިލަށް ސަބްސިޑީ ދެމުން ދިޔަ ނަަމވެސް މި ހިނގާ ޖުލައި މަހުގައި ސަބްސިޑީ ދިނުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ. އެހެންކަމުން ޖުލައި މަހުގެ ބިލް ޖޫން މަހުގެ ބިލަށް ވުރެ ބޮޑުވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވީހާވެސް ބޮޑަކަށް ކަރަންޓު އިގްތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސް ކުރެއެވެ. އެގޮތުން ކަރަންޓު މީޓަރަށް އަރާވަރު ކޮންމެ ދުވަހަކު ބެލުމާއި ކަރަންޓު ބޭނުންކުރެވޭ މިންވަރު ބެލުމަކީ ކަރަންޓު ހަރަދު ކުޑަކުރުމަށް ކުރެވިދާނެ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެވްރެޖްކޮށް ކަރަންޓު ބޭނުންކުރާ ވަރު ބޮޑުވާ ކަމަށްވާ ނަމަ އޭގެ ސަބަބު ދެނެގަންނަން ފަސޭހަ ވާނެ ކަމަށްވެސް ސްޓެކޯއިން ބުނެއެވެ.
މީގެ އިތުރުން މިހާރުވެސް ކަރަންޓު ބިލު ނުދައްކާ ވަރަށް ގިނަ ފަރާތްތައް އެބަ ތިބި ކަމަށް ފެނަކައިން ބުނެއެވެ. އަދި ކަރަންޓު ބިލު ނުދައްކާ ތިބުމަކީ ޖޫރިމަނާ ފައިސާ ހިނގާނެ ކަމެއް ކަމަށް ވާތީ އެއީވެސް ބިލު ބޮޑުވާން މެދުވެރިވާ ސަބަބެއް ކަމަށް އެފަރާތުން ބުނެއެވެ. އެހެންކަމުން ވީ ވަރަކުން ކަރަންޓު ބިލު ފަސްނުކޮށް ދެއްކުމަށް ސަމާލުވުމަށް ފެނަކައިން ނަސޭހަތްތެރިވިއެވެ.