އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓްގެ މަގާމުގައި ހުންނެވި އަލީ ރިޔާޒް ނިޔާވިތާ 8 މަސްފަހުން އޭނާގެ ކޮއްކޮ ފުލުހުންގެ އޮފިސާ، ޕޮލިސް ސާޖަންޓް އިސްމާއިލް ރިޒާ ނިޔާ ވެއްޖެއެވެ.

އެއް އާއިލާއަކަށް ނިސްބަތްވާ ދެބެން ނިޔާވެފައިވާ އިރު އެއީ ރިޔާޒް އަދި ރިޒާގެ މަންމަގެ ހުރި ހަމައެކަނި ދެ ދަރިންނެވެ. ދެ ދަރިން ނިޔާވެގެން ދިޔައީ ގައުމަށް ހިދުމަތް ކުރުމުގައި ތިބެއެވެ. ރިޔާޒް ސިފައިންގޭގައި މަސައްކަތް ކުރިއިރު ރިޒާ ވަނީ ފުލުހުންގެ ތެރޭގައި މަސައްކަތް ކޮށްފައެވެ.

އިސްމާއިލް ރިޒާ ނިޔާވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި އޭނާ ނިޔާވުމުން ފުލިހުން ވަނީ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. އަދި އިސްމާއިލް ރިޒާ އަށް ތައުޒީޔާ ކިޔަމުން އެކުވެރިން ބުނެފައި ވަނީ އޭނާއަކީ މަސައްކަތުގައި ވަރަށް ވެސް ހީވާގި މީހެއް ކަމަށާއި އޭނާގެ ކުއްލި މަރުގެ ހަބަރު ލިބުމުން އެކަމާ ހިތާމަ ކުރާ ކަމަށެވެ.

މިއަދު ހެނދުނު އިސްމާއިލް ރިޒާ ނިޔާވެފައި ވާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި އޭނާގެ ބޭބެ އަލީ ރިޔާޒް ވަނީ ނިޔާވެފައެވެ. އޭނާގެ ބޭބެއަކީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.

ގިރިފުށީގައި އެންސީއޯ އެކަޑަމީން ތަމްރީން ހަދަމުން ދަނިކޮށް ކުއްލި ގޮތަކަށް ނިޔާވި ސްޓާފް ސާޖަންޓް އަލީ ރިޔާޒް ސިފައިންގެ އިއްޒަތުގައި ފަސްދާނުލާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

ރިޒާ މިއަދު ނިޔާވެފައި ވާއިރު އޭނާގެ އުމުރަކީ 35 އަހަރެވެ.