މިދިޔަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން 7 ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕް ދީފިއެވެ.
މިއަހަރު މި އެވޯޑް ހާސިލްކޮށްފައި ވަނީ މިދިޔަ އަހަރު ސެންޓަރ ފޯ ހަޔާ އެޑިއުކެޝަން ސެންޓާ (ސީއެޗްއެސްސީ) އިން މަތީ ސާނަވީ ހާސިލް ކުރި 5 ދަރިވަރަކަށާއި އަލްމަދަރުސަތުލް އަރަބިއްޔަތުލްއިސްލާމިއްޔާއިން ޝަހާދާ ސާނަވިއްޔާ ނިންމި 2 ދަރިވަރަކަށެވެ. މި ސްކޮލާޝިޕްތައް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މި ސްކޮލަޝިޕް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓާ ޑރ. އިބްރާހީމް ހަސަން ވިދާޅުވީ މިއަހަރަކީ ޝަހާދަ ސާނަވީ އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކަށް ވުރެ ގިނަ ދަރިވަރުންނަށް މި ސްކޮލާޝިޕް ލިބޭ ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވާފައެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގތިސޯދަށް ގެއްލުންތަކެއް ވެފައިވީ ނަމަވެސް ދަރިވަރުންނަށް ކިޔަވައިދިނުމުގެ ފުރުސަތުތައް ހޯދައި ދެމުންދާނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓާ ވަނީ މިލިބޭ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި ގައުމު ބިނާކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމަށް އިލްތިމާސްކުރައްވާފައެވެ.
މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަ ކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕަށް ހޮވޭ ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުން ދާއިރާއަކުން ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ހަރަދު ސަރުކާރުން ހަމަޖައްސާދޭނެއެވެ.