ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ދެ މެންބަރަކު މަގާމުން ވަކި ކުރުމަށް އެ ކޮމިޝަންގެ ކޮމިޓީން ނިންމާ މަޖިލީހަށް ފޮނުވައިފިއެވެ.

މަޖިލީހުގެ ޖެންޑާ ކޮމިޓީން މަގާމުން ވަކިކުރަން ނިންމާފައިވަނީ އެޗްއާރްސީއެމްގެ ނައިބު ރައީސް މުހައްމަދު ޒާހިދާއި ކޮމިޝަނުގެ މެންބަރު މޫސާ އަލީ ކަލޭފާނެވެ.

އެ ދެ ބޭފުޅުން ވަކިކުރަން ޖެންޑާ ކޮމިޓީން ނިންމާފައިވަނީ ކޮމިޓީއަށް ދޮގު މައުލޫމާތު ދިނުމާއި މަގާމު އަދާކުރުމުގެ ގާބިލުކަން ނެތްކަމަށް ބުނެއެވެ. އެގޮތުން އެޗްއާރްސީއެމަށް ހުށަހަޅާފައިވާ ގިނަ މައްސަލަތަކެއްގައި އިހުމާލެ ވެފައިވާކަން ޖެންޑާ ކޮމިޓީން ފާހަގަކުރެއެވެ.

އޭގެ ތެރޭގައި މަރާލާފައިވާ ބްލޮގާ ޔާމީން ރަޝީދުގެ މައްސަލައާއި ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ގުޅޭ މައްސަލަތަކެއްގައި އިހުމާލުވެފައިވާކަން ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މެންބަރު މޫސާ އަލީ ކަލޭފާނުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްވެސް ޖެންޑާ ކޮމިޓީން ވަނީ ބަލާފައެވެ. މޫސާ އަލީ ކަލޭފާނަށް ތުހުމަތުކުރަނީ އޭނާ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތް ކުރެއްވި ދުވަސްވަރު 24 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ތުހުމަތެވެ.

އެޗްއާރްސީއެމްގެ ދެ މެންބަރަކު މަގާމުން ވަކި ކުރުމަށް ފޮނުވާފައި ވާއިރު، އެޗްއާރްސީއެމްގެ ރައީސް އާމިނަތު އީނާސް އަދި އެ ކޮމިޝަނުގެ މެންބަރު އައިޝަތު އަފްރީން މިއަދު އިސްތިއުފާ ދެއްވައިފައި ވަނީ މިމަހުގެ 12 ވަނަ ދުވަހެވެ.

އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ކުރުމަށް ހިއުމަން ރައިޓްސް ކޮމިޓީން އެދި ތަޅުމަށް ފޮނުވިއިރު، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އެޗްއާރުސީއެމްގެ މެންބަރުން އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް އެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވެސް ބުނެފައިވެއެވެ.