ބޮލީވުޑް ސްކްރީންތައް ފަތަހަ ކުރި ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ރާޖަތު މުކަރުޖީ މަރުވެއްޖެއެވެ.

2001 ވަނަ އަހަރުގެ މަޝްހޫރު ފިލްމް "ޕިޔާރް ތޫނެ ކިއާ ކިޔާ" ގެ ކުޅަދާނަ ޑައިރެކްޓަރު ރާޖަތު މުކަރުޖީ މަރުވީ، ސިއްހީ ގިނަ މައްސަލަތަކެއްގައި ދުވަސްތަކަކު އުޅުމަށްފަހުގައެވެ.

އޭނާ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައި، ޖައިޕޫރުގައެވެ.

ބޮލީވުޑް ފިލްމީ ސިނާއަތުން ވަނީ ރާޖަތު މުކަރުޖީ މަރުވިކަން ކަށަވަރުކޮށްދީފައެވެ. އަދި ގިނަ ފަންނުވެރިންތަކެއް ދަނީ، ތައުޒިޔާގެ މެސެޖުތައް ސޯޝަލް މީޑިއާގައި އާންމު ކުރަމުންނެވެ.

މި އަހަރަކީ ބޮލީވުޑްއާއި އިންޑިއާގެ މުނިފޫހިފިލުވުމުގެ ސިނާއަތަށް ހިތްދަތި އަހަރެކެވެ. އިރްފާން ހާން، ރިޝީ ކަޕޫރު، ވަޖިދު ހާން، ސަރޯޖް ހާން އަދި ސުޝާންތް ސިންހް ރާޖްޕުތް ފަދަ ތަރިންތަކެއް މި އަހަރު ވަނީ މި ދުނިޔެއާއި ވަކިވެފައެވެ.