މިއަދު ރާއްޖެއިން ކޮވިޑަށް 17 މީހަކު ޕޮޒިޓިވް ވެފައި ކާމަށް އެޗްޕީއޭއިން ބުނެފިއެވެ. އެޗްޕީއޭއިން ދާދި ދެންމެ އާންމު ކުރި 24 ގަޑިއ ިއރުގެ ތަފާސް ހިސާބު ދައްކާ ގޮތުން މިއަދު ވަނީ 14 މީހަކު ބަލިން ރަނގަޅުވެސް ވެފައެވެ.
މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި ބަންގްލަދޭޝްގެ 3 މީހުންނާއި ސްރީލަންކާގެ އެކަކެވެ. ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2930 އަށް އަރާފައިވާ އިރު މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2340 އަށް އަރާފައެވެ.
ރާއްޖެއިން މިހާރު 2354 މީހުން ރަނގަޅުވެފައި ވާއިރު، ރާއްޖެ ވަނީ ނިއު ނޯމަލްގެ އާ އާންމު ހާލަތަށް ހުޅުވާލާފައެވެ. ބޭރަށް ނުކުމެ އުޅުމާއި ވިޔަފާރިތަކާއި ކެފޭ ރެސްޓޯރަންޓުތަކާއި ޕާކުތައްވެސް ވަނީ ހުޅުވާލާފައެވެ. އަދި މިހާރު މާލެތޭރޭގައި މީހުންނަށް ނުކުމެ އުޅޭވޭ ވަގުތުވެސް ވަނީ ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ހަމަޖައްސާފައެވެ.
މިވަގުތު ކަރަންޓީންގައި ތިބީ 21 މީހުން އަދި އައިސޮލޭޝަންގައި ތިބީ 433 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވީ 15 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ. 10 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ އިރު އެއީ ދޮށީ އުމުރުގެ މީހުންނެވެ. އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ ދިވެހި އަންހެނަކާއި 79 އަހަރުގެ ދިވެހި އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނަކާއި 80 އަހަރުގެ ފިރިހެނަކާއި 59 އަހަރުގެ ފިރިހެނެކެވެ.
މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 14 މީހުންނެވެ. އެގޮތުން އިއްޔެ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި ބަންގްލަދޭޝްގެ 3 މީހުންނާއި އިންޑިއާގެ އެކަކެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 1230 ދިވެހިންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 1360 މީހުންނެވެ. އަދި އިންޑީއާއަށް ނިސްބަތްވާ 243 މީހުންނާއި ނޭޕާލަށް ނިސްބަތްވާ 46 މީހުންނާއި ސްރީލަންކާގެ 24 މީހުންނެވެ.