ބ. ތުޅާދޫގައި ކަރަންޓީނުގައި ހުއްޓާ ހާޓްއެޓޭކެއް ޖެހި މަރުވި މީހާ ކޮވިޑަށް ޕޮޒިޓިވް ކަން އެނގިއްޖެއެވެ.
ބ. ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ މަރުވި މީހާގެ ސާމްޕަލް މިއަދު ނަގާ ފޮނުވި ކަމަށާއި ނަތީޖާ ލިބުނު އިރު ޕޮޒިޓިވް ކަމަށެވެ.
މާލެއިން އޭނާ ރަށަށް ދިޔައީ ކަރަންޓީނު ވުމައެވެ. އުމުރުން 59 އަހަރުގައި މަރުވި މީހާއަކީ ހަކުރު ބަލިވެސް ހުންނަ މީހެކެވެ.
އޭނާ ކަރަންޓީނުގައި ހުއްޓާ މަރުވި އިރު އޭނާއާ ކޮންޓެކްޓް ވީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ދާ ކަމެއްވެސް އެޗްޕީއޭއަކުން ނުބުނެއެވެ.
ކަރަންޓީނުގައި ހުއްޓާ ކޮވިޑްގައި އަތޮޅުތެރޭގެ ރަށެއްގައި މީހަކު މަރުވި މިއީ ފުރަތަމަ ފަހަރެވެ. އަދި މިއީ ބ. ތުޅާދޫން ކޮވިޑްގެ ކޭސް އެއް ފެނުނު ފުރަތަމަ ފަހަރެވެ.
ރާއްޖެއިން މިހާތަނަށް 15 މީހުން މަރުވެފައި ވާ އިރު މަރުވި ދިވެހިންގެ އުމުރު ހުރީ 40 އިން މަތީގައެވެ. 40 އިން ދަށުގެ އުމުރުގައި މަރުވެފައި ވަނީ ބިދޭސީންނެވެ.
މިއަދު މަރުވި ތުޅާދޫ މީހާ ވަޅުލުމުގެ މަސައްކަތް މިރޭ ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.