ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ނެގެޓިވް ކަމަށް ބަޔާން ކޮށް، ވަގު ސެޓްފިކެޓް ދޫކުރަމުންދިޔަ ބަންގްލަދޭޝްގެ ކުލިނިކުތަކެއް އޯނަރު ހައްޔަރު ކޮށްފިއެވެ.

ބަންގްލަދޭޝްގެ ފުލުހުންގެ ބެލުމުގެ ދަށަށް މުޙައްމަދު ޝާހިދު ގެންގޮސްފައިވަނީ، ބުރުގާއެއް އަޅާ، ސިފަ އޮޅުވާލައިގެން އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރަނިކޮށެވެ. އޭނާ އިންޑިއާއަށް އެތެރެވާން އުޅުނީ ބަންގްލަދޭޝްއާއި އިންޑިއާ ހިއްސާކުރާ ކޯރެއް ހުރަސްކޮށް ކަމަށް ބެލެވެއެވެ. ކަމާ ބެހޭ ފަރާތްތަކުން ޝާހިދު ހައްޔަރުކުރީ ކޯރުގެ އައްސޭރި ފަށުގެ ސަރަހައްދަކުންނެވެ.

ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ޝާހިދު ގެންދެވިފައި މިވަނީ، ކޮވިޑް-19އަށް ޓެސްޓުވެސް ނުކޮށް، ނެގެޓިވް ކަމަށް ބަޔާން ކުރާ ސެޓްފިކެޓް ދޫކުރާ މައްސަލާގައި، އޭނާ ހޯދަމުންދާތާ 9 ދުވަސް ވީ ފަހުންނެވެ.

އުމުރުން 42 އަހަރުގެ ޝާހިދަކީ، ފާއިތުވީ ދުވަސްތަކުގައި ބަންގްލަދޭޝްގެ ކަމާ ބެހޭ ފަރާތްތަކުން މި މައްސަލާގައި ހައްޔަރު ކުރި 12 އަށްވުރެ ގިނަ މިހުންގެ ތެރޭގައި ހިމެނޭ އެކަކެވެ.

ގާތްގަނޑަކަށް 168 މިލިއަން މީހުންގެ އާބާދީއެއް އޮތް ބަންގްލަދޭޝްގައި ކޮވިޑް-19ގެ ހާލަތު އިންތިހާއަށް ގޯސް ވެފައި ވަނިކޮށް، ވަގު ސެޓްފިކެޓް ދޫކުރަމުން ދިއުމުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވަމުން ދާކަމުގެ އިންޒާރު، ތަޖުރިބާކާރުން ވަނީ ދީފައެވެ.

ރެޕިޑް އެކްޝަން ބެޓާލިއަންގެ ތަރުޖަމާނު ކާނަލް އާޝިގީ ބިލާހް ވިދާޅުވީ، ޝާހިދުގެ ބެލުމުގެ ދަށުން ހިންގަމުންދިޔަ ސިއްހީ ހިދުމަތްދޭ ތަންތަނުން 10500 ޓެސްޓު "ހަދާފައި" ވާއިރު، މީގެ ތެރެއިން 4200 ޓެސްޓަކީ ސައްހަ ޓެސްޓު ކަމަށެވެ. އަދި އަނެއް 6300 ނަތީޖާ ދޫކޮށްފައިވަނީ ޓެސްޓު ކުރުމަކާ ނުލާކަމަށްވެސް ބިލާހް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ޓެސްޓު ނަތީޖާ ދޫކުރުމަށާ، ކޮވިޑް-19ގެ ފަރުވާ ދިނުމަށް ޝާހިދު އުޖޫރައެއް ނަގަމުން ދިޔަ ކަމަށާ، އޭނާ މިކަން ކޮށްފައިވަނީ، ވެރިރަށް ޑާކާގައި ދޭ ހިދުމަތްތަކަށް އެއްވެސް އަގެއް ނުގާނެ ކަމަށް ސަރުކާރާއެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށް މައުލޫމާތު ލިބެއެވެ.

ޑާކާގައި ހިންގަމުންދިޔަ ލެބޯޓްރީއަކުން ވަގު ސެޓްފިކެޓް ދޫކުރަމުންދިޔަ މައްސަލާގައި މަޝްހޫރު ޑޮކްޓަރަކާ އޭނާގެ ފިރިމީހާވެސް ހައްޔަރު ކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.

ބަންގްލަދޭޝްގެ ހިޖުރަވެރި މަސައްކަތްތެރިންގެ ހައްގުތައް ހޯދާ ދިނުމަށް މަސައްކަތް ކުރާ އޯކަޕް ގުރޫޕުންގެ ޝާކިރުލް އިސްލާމް ބުނީ، މިފަދަ އޮޅުވާލުންތަކަކީ އާމްދަނީ ހޯދުމަށް ގައުމުން ބޭރަށް ހިޖުރަކުރާ މަސައްކަތްތެރިންނަށް ދެވޭ ބޮޑު އަނިޔާއެއް ކަމަށެވެ.

ހުސްވި ހަފުތާގައި އިޓަލީވިލާތުން ވަނީ ބަންގްލަދޭޝްއިން ރޯމްއަށް ކުރަމުންދިޔަ ދަތުރުތައް މެދުކަނޑާލާފައެވެ. މި ދަތުރުތައް މެދުކަނޑާލީ ބަންގްލަދޭޝްއިން ދަތުރުކުރާ ގިނަ ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވަމުން ދިއުމުންނެވެ. އިޓަލީވިލާތުގައި ހެދި ޓެސްޓުތަކުން ކޮވިޑް-19އަށް ޕޮޒިޓިވްވި ބަންގްލަދޭޝްގެ ބައެއް ރައްޔިތުންނަކީ، ބަންގްލަދޭޝްއިން ދޫކޮށްފައިވާ ކޮވިޑް-19އަށް ނެގެޓިވް ސެޓްފިކެޓްގައި ދަތުރު ކުރި މީހުން ކަމަށް ޝާކިރުލް އިސްލާމް ވަނީ ފާހަގަކޮށްފައެވެ.

ހިޖުރަވެރި މަސައްކަތްތެރިންގެ އާމްދަނީއަކީ ބަންގްލަދޭޝްއަށް ފައިސާ ވަންނަ މައި މަސްދަރެކެވެ. ބަންގްލަދޭޝްގެ މަރުކަޒީ ބޭންކުގެ ރެކޯޑްތަކަށް ބަލާއިރު މިދިޔަ އަހަރު އެކަނިވެސް، އެ ގައުމުގެ 12 މިލިއަނެއްހާ ހިޖުރަވެރި މަސައްކަތްތެރިން ވަނީ އެ ގައުމަށް 19 ބިލިއަން ޑޮލަރު ވައްދާދީފައެވެ.

ބަންގްލަދޭޝްގައި ކޮވިޑް-19 ފެތުރިފައިވާ ގޮތަށް ބަލާއިރު 193000 މީހަކު ވަނީ ވައިރަހަށް އިންފެކްޓްވެފައެވެ. އަދި މި ބަލީގައި 2457 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ. ނަމަވެސް ސިއްހީ ތަޖުރިބާކާރުން ދަނީ މި އަދަދުތައް ހަގީގަތުގައި މިއަށްވުރެ އެތައް ތަނެއް އިތުރުވާނެ ކަމަށް ބުނަމުންނެވެ.