ދިވެހިރާއްޖެއާއި ޗައިނާ އާ ދެމެދު ބާއްވާ ބައިލޭޓަރަލް ކޯޑިނޭޝަން މެކޭނިޒަމްގެ މަޝްވަރާތައް މާދަމާ ބާއްވަން ހަމަޖައްސައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމަކީ ޑިރެކްޓާ ޖެނެރަލް ފެންވަރުގައި ބާއްވާ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން ކަމަށާއި އެ ބައްދަލުވުމުގައި ބޯޑަރު ހުޅުވާލުމާ، ފަތުރުވެރިކަމާ ބެހޭ މަޝްވަރާ ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެގޮތުން ދެގައުމުގެ މެދުގައި އެ ދާއިރާތަކާ ގުޅޭ ގޮތުންނާއި ކޮވިޑް-19 އިން ރައްކާތެރިވުމުގެ އިތުރުން އިގްތިސޯދު އަލުން ކޮޅަށް ޖެހުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ މަޝްވަރާތާގުޅޭ ގޮތުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަނީ ޒަމާންވީ ގުޅުމެއް ކަމަށާއި ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބިނާވެފައިވާ އަސާސްތަކަކީ ދިވެހިރާއްޖެއިން ގަބޫލުކުރާ "ވަން-ޗައިނާ" ސިޔާސަތާއި، އެއް ގައުމު އަނެއް ގައުމުގެ ސިޔާދަތަށް ކުރާ އިހްތިރާމް ކަމަށެވެ.

އަދި ޗައިނާއަކީ މިހާރުވެސް ދިވެހިރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށާއި، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ހަރުދަނާކަން މަތީ، އިތުރަށް ބަދަހިވެގެން ދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ މަޝްވަރާތަކުގައި ދިވެހިރާއްޖެއިން އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ އަހުމަދު ޝިޔާނެވެ. އޭގެ އިތުރުން ޓޫރިޒަމް މިނިސްޓްރީއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ޗައިނާގެ ފަރާތުން އެ ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާނީ ޗައިނާ ފޮރިން މިނިސްޓްރީގެ އޭޝިއަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ޔާއޯ ވެން އެވެ. ވެން ގެ އިތުރުން ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނާއި، ޗައިނީޒް ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނާއި، މިނިސްޓްރީ އޮފް ކަލްޗާ އެންޑް ޓޫރިޒަމް އަދި ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބައިވެރިވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

.ކޮވިޑް-19ގެ ބަލިމަޑުކަމާ މުޅި ދުނިޔެއިން ކުރިމަތިލާފައި ވާ މިދަނޑިވަޅުގައި މިމަޝްވަރާތައް ބޭއްވުމަށް ޗައިނާ ސަރުކާރުން އިސްނެގި ކަމަށްޓަކައި ދިވެހި ސަރުކާރުން ވަނީ މަރުހަބާ ކިޔާފައެވެ.