ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު 16 ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސްއިނުން ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ މައުލޫމާތު އާންމުކޮށްފަައިވާ ގޮތުން މިމަހުގެ 13 ވަނަ ދުވަހު 8 ކެންޑިޑޭޓެއްގެ ނަން ގެންގޮސްފައި ވާއިރު މިއަދުވެސް ވަނީ އިތުރު 8 ކެނޑިޑޭޓަކު ނަން ގެންގޮސްފައެވެ.

އެގޮތުން 13 ވަނަ ދުވަހު ނަން ގެންގޮސްފައިވާ އަށް ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ފަރާތުން ކުރިމަތިލީ ހަތަރު ކެންޑިޑޭޓުންނާއި އަމިއްލަގޮތުން ކުރިމަތިލި ހަތަރު ކެންޑިޑޭޓުނެވެ.

އަދި މިއަދު ނަން ގެންދިޔަ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ތިން ކެންޑިޑޭޓުންނާއި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ހަތަރު ކެންޑިޑޭޓުންނެވެ.

ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިޔުމުގެ އުސޫލުގައި ބުނެފައި ވަނީ ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު ހުޅުވާލައި، އެކަން އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށާއި އަދި އެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަހުގެ ކުރިން، މުއްދަތު ހަމަވާ ތާރީހު އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށެވެ.

މި އަހަރުގެ އޭޕްރިލް މަހު ބާއްވަން ތާވަލުކޮށްފައި އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު، ކޮވިޑް-19 އާ ގުޅިގެން ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.