ރާއްޖޭގެ ބޯޑަރު މިއަދު ހުޅުވާލުމާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ކޮވިޑަށް ޓެސްޓު ކުރެވޭނީ ހަމައެކަނި ބަލީގެ އަލާމަތް ހުންނަ މީހުން ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، ރާއްޖެއަށް އަންނަ ހުރިހާ ފަތުރުވެރިން ކޮވިޑަށް ޓެސްޓު ނުކުރާނެ ކަމަށެވެ. ނަމަވެސް އަންނަ ފަތުރުވެރިންގެ ތެރެއިން ކޮވިޑްގެ އަލާމަތް ހުންނަ ފަރާތްތަކުގެ ސާމްޕަލް ނަގައިގެން ޓެސްޓު ކުރާނެ ކަމަށެވެ. އެގޮތުން ފަތުރުވެރިންގެ ތެރެއިން 38 ޑިގްރީއަށް ވުރެ މަތިން ހުން އައިސްފައި ހުރުމާއި ކެއްސާ ކިނބިހި އަޅާނަަމަ ކޮވިޑް ޓެސްޓު ކުރެވޭނެ ކަމަށް އިމިގްރޭޗަނުން ބުނެއެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނެފައި ވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިން ބުކިން ހަދާފައިވާ ރިސޯޓު ނުވަތަ ރަށެއް ފިޔަވާ އެހެން ރަށްރަށަށް ދަތުރު ނުކުރެވޭނެ ކަމަށެވެ. ހަމައެއާއެކު ރާއްޖެ އަންނަ އެއްވެސް ފަތުރުވެރިއަކަށް މާލެއަށް ނޭރޭނެ ކަމަށް ވެސް އެފަރާތުން ބުނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި ބަލީގެ އަލާމާތް ހުރެއްޖެ ނަމަ އެ ފަރާތްތައް ޓެސްޓު ކުރުމުގެ ކަންކމާއި އެކަހެރި ކުރުމުގެ ކަންކަން ވަނީ ހަމަަޖައްސާފައެވެ. މިކަންކަމަށް އެއާޕޯޓުގައި ވެފައިވާ ތައްޔާރީތައް އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ބައްލަވާލައްވާފައެވެ.

މިއަދު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އެންމެ ފުތަމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި ވަނީ ގަތަރުގެ ފްލައިޓެކެވެ. އަދި އެ ފްލައިތޫގައި 100 އަށް ވުރެ ގިނަ ފަތުރުވެރިން މިއަދު ރާއްޖެއަށް އައިސްފައި ވެއެވެ. ރާއްޖެއަށް އަންނަ ފަތުރުިވެރިންގެ ތެރެއިން އެއްވެސް ގައުމެއް އިސްތިސްނާ ނުވާ ގޮތަށް 30 ދުވަހުގެ އޮންއެރައިވަލް ވިސާ ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.