ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއެކު ވޯކް ވިސާގައި އެތެރެވާ ބިދޭސީންނާ ހަވާލުވަނީ ސައްހަ ކުންފުންޏަކުންތޯ ބަލަންޖެހޭ ކަަމަށާއި އެހެންނޫންނަމަ އެ ބިދޭސީން ރާއްޖެ އެތެރެ ނުކުރުމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ގޮވާލައްވައިފިއެވެ.

މޫސަ ވަނީ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ޓެގް ކުރައްވާ ކުރެއްވި ޓްވީޓެއްގައި ބޯޑަރުތައް އަލަށް ހުޅުވުމުން ވޯކްވިސާގައި އެތެރެވާ ބިދޭސީންގެ ކަންކަން ބެއްލެވުމަށް ގޮވާލައްވާފައެވެ.

އެގޮތުން ބިދޭސީންގެ މުސާރަ ޖަމާވާނެ އެކައުންޓާއި، އޭނާ ނިދާ ކައިބޮއެ އުޅޭނެ ތަންތަނާއި، ގުޅޭނެ ސައްހަ ފޯނު ނަންބަރާއި ހަވާލުވަނީ ސައްހަ ކުންފުންޏަކަށްތޯ ބަލަންޖެހޭ ކަމަށް ރީކޯ މޫސަ ވިދާޅިވިއެވެ. އަދި މި ކަންކަން ފުރިހަމަ ނުވާ ފަރާތަތައް ރާއްޖެއަށް އެތެރެ ނުކުރުމަށް އޭނާ އެދިވަޑައިގެންފައި ވެއެެވެ.

މޫސަ މިހެން ވިދާލުވެފައި ވަނީ އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުވިފައިވާ މުއްތަދުގައި ކޮންމެހެން ރާއްޖެ އަންނަން ޖެހޭ ފަރާތްތަށް ރާއްޖެ އައުމުގެ ކުރިން ހާއްސަ ހުއްދައެއް ހޯދަން ޖެހޭ ގޮތަށް ހަމަޖެހިފައިވާ އުސޫލު މިއަދުން ފެށިގެން ބާތިލް ކޮށްފައި ވުމުންނެވެ. އެގޮތުން އެމްޕޮލޮއިމްންޓް އެޕްރޫވަލްގެ ދަށުން ރާއްޖެ އެތެރެވުމަށް ބޭނުންވާ ހާއްސަ ހުއްދަ މިއަދުން ފެށިގެން ހޯދަން ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ ކުރިން ކޮވިޑު 19ގެ ހާލަތުގައި އަލަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދައިގެން ވަޒީފާއަށް އަންނަ ފަރާތްތަކާއި ޗުއްޓީއަށް ދިއުމަށްފަހު އެނބުރި ވަޒީފާއަށް އަންނަ ފަރާތްތަކަށް ރާއްޖެ އެތެރެވެވޭނީ، އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އަދި އެ ހުއްދައަކީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މުއްދަތުގައި ކޮންމެހެން ގެންނަންޖެހޭ ބިދޭސީންނަށް އެމްޕްލޯއިމަންޓް އެޕްރޫވަލްގެ އިތުރަށް ހޯދަންޖެހޭ ހުއްދައެއް ކަމަށް އޭރު ބުނެފައި ވެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލަތަކާ ގުޅިގެން މޫސަ އަބަދުވެސް އަންނަނީ އެކަންކަމުގައި ހުރި ކަންބޮޑުވުންތައް ފާޅު ކުރައްވަމުންނެވެ. އެގޮތުން މޫސަ އެންމެ ބޮޑަށް ފާޑުކިއުއްވާފައި ވަނީ ނުގަވާއިދުން އުޅޭ ބިދޭސީން އިތުރުވެ އެ ބިދޭސީން ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ރަޖިސްޓްރީ ކުރަމުންދާތީ އެކަމާއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ގަވާއިދަށް ފައްތައި ލިޔެކިއުން ހަވާލުކުރި ފަހުން އެ ބިދޭސީންގެ ގައުމުތަކުން ބިދޭސީން ގެންދިއުމުގައި އެއްބާރުލުން ލިބެމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް 4000 ބިދޭސީން އެ ގައުމުތަކަށް ފޮނުވާލެވިފައި ކަމަށާއި ސައްހަ ލިޔެކިޔުން ނެތް 20،000 ބިދޭސީން އެ މީހުންގެ ރުހުމުގައި ފޮނުވާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވެފައި ވެއެވެ.