ކޮވިޑް-19 އަށް ޕޮސިޓީވް ކޭސްތައް ފެންނަން ފެށިފަހުން ރިސޯޓް މުވައްޒަފެއްގެ ގައިން މި ބަލި ނުފެންނަތާ ގިނަ ދުވަސްތަކަަކަށް ފަހު ބ. އަތޮޅު ސޮނެވާފުށީގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ، ސޮނެވާފުށީ ރިސޯޓުގެ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ ކޭސްއަކީ މިއަދު އައިސްފައިވާ ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން ކޭސްއެއް ކަަމަށް ތަސްލީމާ ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސޮނެވާފުށިން ޕޮޒިޓިވްވި ދިވެއްސަކީ އެއްވެސް ގެސްޓަކާ ކޮންޓެކްޓް ވާނެ ސްޓާފެއް ނޫނެވެ. އަދި އޭނާ ޕޮޒޓިވްވުމާއެކު ކޮންތެކްތް ޓްރޭސްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންކަމަށް ވެސް މައުލޫމާތު ލިބެއެވެ. މިކަމާ ގުޅިގެން އެ ރިސޯޓުގެ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނިފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުން މިދިޔަ މާޗް މަހުގެ 7 ވަނަ ދުވަހުއެވެ. އަދި ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ރާއްޖޭގެ ބޯޑަރުތައް ވަނީ މާޗް މަހުގެ 27 ވަނަ ދުވަހު ބަންދުކޮށްފައެވެ.
މިއަދު ރިސޯޓެއްގެ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓީވްވެފައި ވާއިރު މިއަދަކީ ރާއްޖޭގެ ބޯޑަރު 3 މަސް ފަހުން ހުޅުވާލި ދުވަހެވެ. މިއަދު ރާއްޖެއަށް ފުރަތަމަ ފްލައިޓް ޖައްސާފައިވާއިރު 100 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
މިހާތަނަށް ރާއްޖޭގައި ކޮވިޑަށް 2801 ފަރާތެއް ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން ދަނީ 470 މީހުންނެވެ.