ކޮވިޑް 19 އާ ގުޅިގެން ރާއްޛޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 7 ވަނަ ދުވަހަށް އިތުރުކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫށްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، މިނސްޓާ އޮފް ހެލްތަށް އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށާއި އެ ގޮތުން އަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު މިހާރުވެސް މާލެ ސަރަހައްދުގައި ހުރި ރިސްޓްރީކްޝަންސްތަކާއެއްކޮށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރަން ނިންމާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރި މީ ފަސް ވަނަ ފަހަރެވެ. ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު އަނެއްކާ ވެސް އިތުރުކުރެއްވީ ކޮވިޑް-19 ގެ ނުރައްކާ އަދިވެސް އޮތުމުންނެވެ.

ކޮވިޑް19 ބައްޔަކީ "ޕެންޑެމިކް" އެއް ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅުމާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަތުގެ ހާލަތު ސަރުކާރުން އިއުލާނުކޮށްފައިވަނީ ހުސްވި މާޗު މަހުގެ 12 ވަނަ ދުވަހުއެވެ. ސިއްހީ ކުއްލި ހާލަތު އިއުލާން ކޮށްފައިވަނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުންނެވެ. ސިއްހީ ކުއްލި ހާލަތު ފުރަތަމަ އިއުލާން ކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ. އޭގެ ފަހުން އޭޕްރީލް މަހުގެ ނިޔަލަށް މުއްދަތު އިތުރު ކުރިއެވެ.

އަދި މެއި މަހުގެ 30 ގެ ނިޔަލަށް މުއްދަތު އިތުރުކުރުމަށްފަހު ޖޫން މަހުގެ 29 ވަނަ ދުވަހަށް އިތުރުކުރިއެވެ. އޭގެ ފަހުން ޖުލައި މަހުގެ 14 ވަނަ ދުވަހަށް ވަނީ އިތުރުކޮށްފައެވެ.