ކޮވިޑް19 އިން ރާއްޖޭގައި އިއުލާންކޮށްފައިވާ ލޮކްޑައުންން އުވާލައި ބޯޑަރުތައް ހުޅުވާލަން މާދަމާ ނިންމާފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބައިންލްއަގްވާމީ ފްލައިޓުތަކުގެ ދަތުރުތައް ފަށަން ވެފައިވާ ތައްޔާރީތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްލަވާލައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، މިއަދު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓަށް ރައީސް ސޯލިހް ކުރެއްވި ޒިޔާރަތުގައި، އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ އެރައިވަލް އަދި ޑިޕާޗާ ހޯލަށް ޒިޔާރަތްކުރައްވައި، އެތަންތަނުގައި ވެފައިވާ ތައްޔާރީތައް ބައްލަވާލެއްވި ކަމަށެވެ.

އެގޮތުން، ފަސިންޖަރުން ސްކްރީންކުރުމާއި ކޯވިޑަށް ޓެސްޓުކުރަންޖެހޭ ހާލަތުގައި ޓެސްޓުކުރުން ފަދަ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް އެމަނިކުފާނު ބައްލަވާލެއްވިއެވެ އަދި، ރައީސްގެ މި ޒިޔާރަތުގައި، އެއާޕޯޓުގެ އިންޓާނޭޝަނަލް ޓާމިނަލްގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭ މައުލޫމާތު ވެސް އެއާޕޯޓުގެ ކަމާބެހޭ އިސްފަރާތްތަކުގެ ފަރާތުން އެމަނިކުފާނު ވަނީ އޮޅުން ފިލުއްވާފައެވެ.

ރައީސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި، ކަމާގުޅޭ އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މާދަމާއިން ފެށިގެން ކޮމާޝިއަލް ފްލައިޓްތައް ފަށަން ނިންމާފައިވާއިރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނީ މާދަމާ ފުރަތަމަ ޖެއްސުމަށް ހަމަޖެހިފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެއް ކަމަށެވެ. ހަމައެއާއެކު މިހާތަނަށް 12 އެއާލައިނަކުން ރާއްޖެއަށް ދަތުރު ފަށަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެމއޭސީއެލުން ބުނެއެވެ.

އެމިރޭޓްސް އިން ދަތުރުތައް ފަށަން ތާވަލުކޮށްފައިވަނީ ޖުލައި 16 އިން ފެށިގެންނެވެ. ދުބާއީއާއި މާލެއާ ދެމެދު ހަފްތާއަކު ފަސް ދުވަހު ފްލައިޓު ބާއްވަން ޝެޑިއުލްކޮށްފައި ވެއެވެ. އިއްތިހާދު އެއާވޭސްގެ ދަތުރުތައް މިމަހުގެ 18 ގައި ފަށަން ތާވަލުކޮށްފައިވާއިރު އަބޫދާބީއާއި މާލެއާ ދެމެދު ހަފްތާއަކު ދެ ފްލައިޓު ބާއްވާނެއެވެ.

މީގެ އިތުރުން އަންނަ މަހުގައި ފަށަން ތާވަލުކޮށްފައިވާ އެއާލައިންތަކުގެ ތެރޭގައި ގަލްފް އެއާ، ބްރިޓިޝް އެއާވޭސް، ހޮންކޮންގް އެއާލައިންސް، އިންޑިގޯ، ސިލްކް އެއާ، ސިންގަޕޯ އެއާލައިންސް އަދި ސްރީލަންކަން ހިމެނެއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޒަރޫރީ ބޭނުމަށް ނުނީ އެއްވެސް ފްލައިޓެއް ބާއްވާފައެއް ނުވެއެވެ.