މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާ އަކީ ޣައިރު ގާނޫނީ ދައުވާއެއް ކަަން މިއަދު ރަސްމީ ސިފައެއްގައި ސާބިތު ވެއްޖެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ލީޑު ކުރަމުން ގެންދަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއް މިއަދު ކޯޓުން ބޭރު ކޮށްލާ އަދީބު މިނިވަން ވުމުން އެނގިގެން ދިޔައީ ރައީސް ޔާމީން ޖަލުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ސަބަބެއް ކަމަށް އިދިކޮޅުން ކޯލިޝަނުން ފާހަގަ ކޮށްފައި ވަނީ އަދީބުގެ މައްސަލައިގައި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒްގެ މައްޗަށް އެ މައްސަލައިގައި ބޮޑެތި ތުހުމަތު ތެކެއް ކޮށްފައި ވާތީއެވެ.

ރައީސް ޔާމީނަށް ކޮށްފައި ވަނީ ސައްހަ ދައުވާއެއް ނޫންކަން އަބަދުވެސް ބުނަނުން އައިސްފައިވާނެ ކަމަށާއި ނަމަވެސް މިހާރު ކޯޓުގެ ތެރެއިން އެއީ ބާތިލް ދައުވާއެއްކަން ސާބިތުވެފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ. އެ ސަބަބަށްޓަކައި މިހާރުން މިހާރަށް ރައީސް ޔާމީން ދޫކޮށްލުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

އަދި ޕީޖީ ބިޝާމް އާއި ސީޕީ ރިޔާޒް އެ މައްސަލައިގައި އަމަލު ކުރައްވާފައިވާ ގޮތް ބަލާ ތަހުގީގު އަވަސް ކުރުމަށާއި ވީ އެންމެ އަވަހަކަށް ފިޔަވޅު އެޅުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ. އަދި މިހާތަނަށް ރައީސް ޔާމީނަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެނައުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ޝަމީމަށްވެސް ވަނީ ގޮވާލާފައެވެ.

މިއަދުގެ ނިމުނު އަދީބުގެ މައްސަލައިން ވަރަށްގިނަ ކަންތައްތަކެއް ސާބިތުވެފައިވާ ކަމަށައި އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ރައީސް ޔާމީނަށް މި ސަރުކާރުން ފްރޭމް ކޮށްގެން ވަރަށްބޮޑެތި އަނިޔާތަކެއް ބޭއިންސާފުން ދެނުން ދެންދަ ކަމެވެ.

އަދީބުގެ މައްސަލައިގެ އަޑުއެހުމުގައި މާބިންހުރާ މައްސަލައިގައި މީގެ ކުރިން ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށް އަލުން އެ މައްސަލަ ބެލުމަށް އަންގާފައެވެ. އަދި އެމައްސަލައިގައި ތަހުގީގު ހިންގާފައިވަނީ މިނިވަންކަމާއި އެކު ނޫންކަމަށް ވެސް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.