ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހީމް އިސްމާއިލް ކޮވިޑް-19ށް ޕޮޒެޓިވް ވެއްޖެއެވެ.
އިބްރާހީމް އިސްމާއިލް ވިދާޅުވީ ކޮވިޑް-19ށް ޕޮޒިޓިވްވީ ސީދާ ކޮންތާކުންކަން އިނގި ނުލައްވާ ކަމަށާއި، މި ދުވަސްވަރުގެ ގޮތުން ބޭރަށް ނިކުމެ ނޫޅުއްވާ ކަމަށެވެ. އެހެން ނަމަވެސް މި މަހުގެ ހަތްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އޮތް ބައްދަލުވުމަކަށް ޔޫތް މިނިސްޓާ އަހަމަދު މަހްލޫފް އާއެކު ވަޑައިގެންނެވި ކަމަށް އިބްރާހީމް އިސްމާއިލް ވިދާޅުވިއެވެ.
އުމުރުން 70 އަހަރުގެ އިބްރާހިމް އިސްމާއީލް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ އިއްޔެއެވެ. އެއީ ހުން އައުމުން ޑޮކްޓަރަށް ދެއްކުމުން ނެގި ސާމްޕަލް ޕޮޒިޓިވްވުމުންނެވެ.
އިބްރާހިމް އިސްމާއިލަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްކަންވެސް މީގެ ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ. ސްޕޯޓްސް ކައުންސިލްގެ ރައީސްކަން މީގެ ކުރިންވެސް ކުރައްވާފައިވާއިރު، މި ސަރުކާރުން އަލުން އެ ކައުންސިލް އެކުލަވާލާއި ކައުންސިލްގެ ރައީސް ކަމަށް އިބްރާހީމް އިސްމާއިލް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ކުރީކޮޅެވެ.
ރާއްޖެއިން ކޮވިޑް ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2762 އަށް އަރާފައިވާ އިރު މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2290 އަށް އަރާފައެވެ.
ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވީ 13 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި 5 ބިދޭސީންނެވެ. 8 ދިވެހިންގެ ތެރޭގައި 4 ފިރިހެނުންނާއި 4 އަންހެނުން ހިމެނޭ އިރު އެއީ ދޮށީ އުމުރުގެ މީހުންނެވެ. އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނެކެވެ.
މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.