ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ބިދޭސީން މި ފަހުން ބާއްވަމުންދާ މުޒާހަރާތަކާއި ހިންގަމުންދާ އަމަލުތައް ހުއްޓުވުމަށް އެންމެ ހަރުކަށި ފިޔަވަޅު އަޅަން ނިންމައިފިއެވެ.

އެގޮތައް ނިންމަވާފައި ވަނީ އިއްޔެ، ނޭޝަނަލް ސެކިއުރިޓީ ކައުންސިލް(އެންއެސްސީ) އާއި، ކަމާގުޅޭ ދާއިރާތަކުގެ އިސްފަރާތްތަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމެއްގައެވެ.

އެ ބައްދަލުވުމަކީ ފަހަކަށް އައިސް ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ބިދޭސީން ބާއްވަމުންދާ މުޒާހަރާތަކާއި ހިންގަމުންދާ ހަމަނުޖެހުންތައް އިތުރުވުމާ ގުޅިގެން އެކަމަށް ހައްލެއް ގެނައުމަށް މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގައި މިހާރަކަށް އައިސް ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީން އެއްވުންތައް ބާއްވައި ހަމަނުޖެހުން ހިންގައި ރާއްޖޭގެ ސަލާމަތީ ހިދުމަތްދޭ ފަރާތްތަކާ ކުރިމަތިލައި، އާންމު ރައްޔިތުންނާ ދައުލަތުގެ މުދަލަށް ގެއްލުން ލިބޭ ގޮތަށް ހިންގަމުންދާ އަމަލުތަކަކީ ދިވެހިރާއްޖޭގެ ދާހިލީ އަމްނާ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ބައްދަލުވުމުގެ ބައިވެރިން ވަނީ ރައީސް އަށް ލަފާ އަރުވާފައެވެ.

އެހެންކަމުން ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި، އެއްވެސް ފަރާތަކަށް މިފަދަ ފުރުސަތެއް ނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް އެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ބިދޭސީންގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސާ ބައްދަލު ކުރައްވާފައި ވާއިރު، އިއްޔެ ހެނދުނު ހުޅުމާލޭގައި އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުންތަކެއް ލިބެންޖެހޭ މުސާރަ ނުލިބޭ ކަމަށް ބުނެ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ވަނީ އިހުތިޖާޖެއް ކޮށްފައެވެ. އަދި އެ ސަރަހައްދަށް ދިޔަ ފުލުހުންނާ ދިމާއަށް ގާ އުކައި ހަމަަނުޖެހުން ހިންގާފައެވެ. ހަމައެހެންމެ ފުލުހުންނަށާއި ފުލުހުންގެ ވެހިކަލަށާއި އަދި އެސަރަަހައްދުގައި ހުރި ބައެއް ގެތަކަށް ވެސް ވަނީ ގެއްލުން ވެފައެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވެސް އެ މުވައްޒަފުން ވަނީ މުޒާހަރާ ކޮށްފައެވެ. އެދުވަހު ވެސް ބިދޭސީންނާއި ފުލުހުންނާ ދެމެދު ވަނީ ހަމަނުޖެހުން ހިނގާފައެވެ. މުޒާހަރާ ކުރި ބިދޭސީން ބުނާ ގޮތުގައި އެމީހުންނަށް މުސާރަ ނުލިބޭތާ 6 މަސް ވެފައި ވާއިރު، ޒަރޫރީ ބޭނުންތައް ފުއްދާލެވޭނެ ހާ ލާރި ވެސް އެމީހުންގެ އަތުގައި ނެތެވެ.