ގެއްލިގެން ހޯދަމުން ދިޔަ ޒުވާން ބަތޮލާ ނާޔާ ރިވޭރާގެ ހަށިގަނޑު، ކެލިފޯނިއާގެ ކޯރެއްގެ ތެރެއިން ނަގައިފިއެވެ.
އުމުރުން 33 އަހަރުގެ ރިވޭރާ ގެއްލިގެން ހޯދަން ފެށީ މިދިޔަ ބުދަ ދުވަހުއެވެ. އޭނާއަށް ވީނުވީއެއް ނޭނގި ގެއްލުނީ، އުމުރުން 4 އަހަރުގެ ދަރިފުޅާއެކު، ލޭކް ޕީރޫގައި ބޯޓު ދުއްވަން އުޅުމުގެ ތެރޭގައެވެ. ރިވޭރާގެ ދަރިފުޅު ފެނުނީ ބޯޓުގައި އެކަނިމާ އެކަނި ނިދާފައި އޮއްވައެވެ.
ސޯނާ އާލާތްތައް ބޭނުންކޮށްގެން ޑައިވަރުން ކުރަމުން ދިޔަ މަސައްކަތުން ރިވޭރާގެ ހަށިގަނޑު ފެނުނީ ރޭގެ ވަގުތެއްގައެވެ.
ކޯރުން ފެނުނީ، މިއުޒިކަލް ޓީވީ ސީރީޒް "ގްލީ"ގައި އޭނާ އަދާކުރި ސެންޓާނާ ލޯޕޭޒްގެ ރޯލުން ގިނަ ބައެއްގެ ސަމާލުކަން ހޯދި، ރިވޭރާގެ ހަށިގަނޑުކަން، ވެންޗޫރާ ކައުންޓީ ޝެރިފް ޑިޕާޓްމަންޓާ ފުލުހުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
ޝެރިފް ބިލް އަޔޫބު ވިދާޅުވީ، ރިވޭރާގެ މަރުގައި ގޯހެއް އުޅޭ ކަމުގެ އަލާމާތެއް ފެންނަން ނެތް ކަމަށެވެ. ގަސްތުގައި މީހަކު އޭނާ މަރާލުން ނުވަތަ އަމިއްލައަށް މަރުވުން ފަދަ އެއްވެސް އަލާމާތެއް ނެތް ކަން، ޝެފިފް އަޔޫބު ވަނީ ފާހަގަކުރައްވާފައެވެ.
ފުލުހުންނާ ވާހަކަ ދައްކަވަމުން ރިވޭރާގެ ދަރިފުޅު ވަނީ އެ ދެމައިން ފަތާލަން ދިޔަ ކަމަށާ، ނަމަވެސް މަންމަ އަނބުރާ ނާންނަ ކަމަށް ބުނެފައެވެ.
ކުޑަކުއްޖެއްގެ ގޮތުގައި ސްކްރީންތަކަށް އެންމެ ފުރަތަމަ ރިވޭރާ ތައާރަފު ވެގެން އައީ އެކްޓްރެސް އަދި މޮޑެލްއެއްގެ ގޮތުގައެވެ. ޓީވީ އިސްތިހާރުތަކުންނެވެ. އުމުރުން އެންމެ 4 އަހަރުގައި އޭނާ ވަނީ ސީބީއެސްގެ ސިޓްކޮމް، ރޯޔަލް ފެމިލީގައި މަސައްކަތް ކޮށްފައެވެ.
2014 ވަނަ އަހަރު ރިވޭރާ ވަނީ ބިރުވެރި ފިލްމް "އެޓް ދަ ޑެވިލްސް ޑޯ"ގައި މަސައްކަތް ކޮށްފައެވެ. ހަމަ އެއަހަރު އޭނާ ވަނީ، އެ ފިލްމުގައި މަސައްކަތް ކުރި ބަތޮލް ރާޔަން ޑޯސޭއާއި ކައިވެނިކޮށްފައެވެ. ރިވޭރާގެ ދަރިފުޅުގެ ބައްޕައަކީ އެއީއެވެ. ރިވޭރާއާއި ޑޯސޭގެ ކައިވެނި ރޫޅުނީ 2018 ގައެވެ.
ރިވޭރާއަކީ "ގްލީ"ގެ ކާސްޓުން ފެނިގެންދިޔަ ތަރިންގެ ތެރެއިން ކުއްލި ގޮތަކަށް މި ދުނިޔެއާއި ވަކިވި 3 ވަނަ، ޒުވާން ތަރިއެވެ. ރިވޭރާގެ ހަށިގަނޑު ފެނިފައިވަނީ، "ގްލީ"ގައި އޭނާއާއި އެކު މަސައްކަތް ކުރި ބަތޮލް ކޯރީ މޮންޓީތު، އޭނާގެ އެޕާޓްމަންޓް ތެރޭގައި މަރުވެފައި އޮއްވާ ފެނުނުތާ ބަރާބަރު 7 އަހަރު ފުރުނު ދުވަހުއެވެ. ކޯރީ މޮންޓީތުގެ އިތުރުން، "ގްލީ"ގައި މަސައްކަތް ކުރި މާކް ސޭލިންގްވެސް ވަނީ ޒުވާން އުމުރެއްގައި މި ދުނިޔެއާއި ވަކިވެފައެވެ. ސޭލިންގް މަރުވީ 2018 ވަނަ އަހަރުއެވެ.