ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެފައިވާކަން ރޭގެ ވަގުތެއްގައި އިއުލާން ކުރި ބޮލީވުޑް ބައްޗަން-ދެބަފައިންގެ އާއިލާގެ އިތުރު މެމްބަރުންތަކެއްވެސް މި ވައިރަހަށް ޕޮޒިޓިވްވެއްޖެއެވެ.

ލިބެމުންދާ އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު، ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ އަމީތާބު ބައްޗަންގެ ދަނބިދަރިފުޅު އަދި އިންޑިއާގެ މަގުބޫލު ބަތޮލް އަބީޝޭކް ބައްޗަންގެ އަންހެނުން އައިޝްވާރިޔާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަބީޝޭކް ބައްޗަންވެސް ކޮވިޑް-19އަށް ޕޮޒިޓިވްވިކަން އިއުލާންކޮށްފައި ވާއިރު، އަބީޝޭކްއާއި ބޮލީވުޑް ސުޕާސްޓާ އައިޝްވާރިޔާގެ ދަރިފުޅު އަރަދްޔާ ބައްޗަންވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވާކަމަށް ފަހުގެ ޚަބަރުތައް ބުނެއެވެ.

އައިޝްވާރިޔާއާއި ދަރިފުޅުގެ ފުރަތަމަ ސާމްޕަލް ނަތީޖާ ނެގެޓިވް ކަމަށް ދެއްކި ނަމަވެސް، ކޮވިޑް-19އަށް ޕޮޒިޓިވްވިކަން ކަށަވަރުވީ ފައިނަލް ރިޕޯޓްގައެވެ. މި ދެމައިންގެ ހަށިގަނޑުންވެސް ބަލީގެ އަލާމާތްތައް ބޭރު ފުށަށް ނުފެންނާތީ، ކަމާ ބެހޭ ފަރާތްތަކުން ވަނީ ހޯމް ކަރަންޓީނުގައި ތިބުމަށް މި ދެމައިންނަށް ލަފާދީފައެވެ.

އަމީތާބާ އަބީޝޭކަށް ފަރުވާ ދެމުންދަނީ މުމްބާއީގެ ނާނާވަތީ ހޮސްޕިޓަލުގައެވެ. އައިސޮލޭޝަން ވޯޑުގައި އެޑްމިޓްކޮށްފައި އޮތް އަމީތާބުގެ ހާލު ސްޓޭބަލް ކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި އަމީތާބުގެ އަންހެނުން ޖާޔާ ބައްޗަން، އަންހެން ދަރިފުޅު ޝްވެތާ ބައްޗަން އަދި ޝެވެތާ ދަރިން ވަނީ ކޮވިޑް-19އަށް ނެގެޓިވްވެފައެވެ.

އާންމު ދިރިއުޅުމުގެ އިތުރުން އިދާރީ ބައެއް ކަންކަމުގައި އަމީތާބުގެ މުވައްޒަފުންގެ ގޮތުގައި 54 މީހަކު މަސައްކަތް ކުރެއެވެ. މީގެ ތެރެއިން ހައި-ރިސްކް ކެޓަގަރީގައި ތިބި 28 މީހަކު ހިމެނޭއިރު، އެ މީހުންގެ ސާމްޕަލްވެސް ނަގާފައިވާކަމަށް ޚަބަރު ލިބެއެވެ.

މުމްބާއީގެ މަދަނީ ހިދުމަތްތަކާ ބެހޭ އިދާރާ (ބީއެމްސީ)އިންވަނީ، ބައްޗަން އާއިލާ ދިރިއުޅެމުންދިޔަ އިމާރާތް ޑިސްއިންފެކްޓްކޮށް، އެ އިމާރާތަށް ވަދެ ނިކުމެ ނުއުޅެވޭނެހެން ބަންދުކޮށްފައެވެ.