ކަނޑައެޅިގެން ވަކި ފަރުވާއެއް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެތުރެމުންދާ މި ނުރައްކާތެރި ދަނޑިވަޅުގައި، ފެންނަ ކިތަންމެ ކުޑަ އަލާމަތަކަށްވެސް އަޅާނުލާ ދޫކޮށް ނުލުމަށް ބޮލީވުޑް ތަރި، އަނީޕަމް ކޭރް، އޭނާގެ ފޭނުންނަށް ގޮވާލައިފިއެވެ.

އަނޫޕަމް ކޭރް މިކަމަށް ގޮވާލާފައިވަނީ، އޭނާގެ އާއިލާގެ މެމްބަރުންތަކެއްވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ބަޔާންކޮށް، ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައެވެ. އޭނާގެ މަންމައާއި، ފަހަރި އަދި ބޮޑުބޭބެ ކިއާ ކުއްޖެއްގެ އިތުރުން، ރާޖޫ ކޭރްވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް އަނޫޕަމްގެ ޕޯސްޓްގައި ވަނީ ފާހަގަކޮށްފައެވެ.

ފުރަތަމަ ޓެސްޓު ކުރީ މަންމަ ކަމަށާ، މަންމަ ޓެސްޓު ކުރަން ޖެހުނީ އެއްވެސް ގޮތަކަށް ބަނޑުހައި ނުވާތީ ޓެސްޓު ކުރާ ތަނަކަށް ގޮސް ހެދި ޓެސްޓުތަކުން ކަމަށާ، މަންމަގެ ނަތީޖާ ޕޮޒިޓިވްވުމުން އާއިލާގެ އެހެން މެމްބަރުންވެސް ކޮވިޑް-19އަށް ޓެސްޓު ކުރީ ކަމަޕަށް އަނޫޕަމްގެ ޕޯސްޓްގައި އޭނާ ކިޔައިދިނެވެ.

އަނޫޕަމްގެ މަންމައަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ. އާއިލާގެ އެހެން މެމްބަރުން ތިބީ ސެލްފް-ކަރަންޓީނުގައެވެ. ކަންމިހެން އޮތްއިރު، ބަލީގެ އެއްވެސް އަލާމާތެއް، ފެނިއްޖެނަމަ މާ ބޮޑު ކަމަކަށް ނުހަދާ، އެކަން ދޫކޮށް ނުލުމަށް އަނޫޕަމް ވަނީ ގޮވާލާފައެވެ.

އަނޫޕަމްގެ އާއިލާގެ މެމްބަރުންތަކަށް ކޮވިޑް-19އަށް ޕޮޒިޓިވްވި ކަން އޭނާ އިއުލާން ކޮށްފައި މިވަނީ، ބޮލީވުޑްގެ އެންމެ ގަދަރުވެރި އެއް ތަރި ކަމަށްވާ އަމީތާބު ބައްޗަންއާއި އޭނާގެ ފިރިހެން ދަރިފުޅު އަބީޝޭކް ބައްޗަންވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. ބައްޗަންގެ ދެބަފައިންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އަމީތާބުގެ ހާލު ސްޓޭބަލް ކަމަށް ފަހުގެ ޚަބަރުތައް ބުނެއެވެ.

އަނޫޕަމް ކޭރް ހާމަ ކުރި ގޮތުގައި އޭނާގެ ނަތީޖާ، ކޮވިޑް-19އަށް ނެގެޓިވްއެވެ.