ރ. ދުވާފަރުގައި ހޯމަ ކަރަންޓީންގައި ބެހެއްޓުމަށްފަހު އެޗްޕީއޭއިން ނެގެޓިވް ކަމަށް ބުނެ ދެ ދުވަސް ކުރިން ދޫކޮށްލި ތިން މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އެ ރަށު ކައުސިލްގެ ނައިބު ރައީސް ހައްވާ ސަމީލާ 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހޯމް ކަރަންޓީންގައި އެ ރަށުގައި ތިބި އެއް އާއިލާއަކަށް ނިސްބަތްވާ 3 މީހުން ވަނީ ޕޮޒިޓިވް ވެފައި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ އަންހެނަކާއި އޭނާގެ ފިރިމީހާއާއި ފިރިހެން ދަރިފުޅު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު އެރަށަށް ހޯމް ކަރަންޓީން ވުމަށް 11 މީހަކު ދިޔަ ކަމަށާއި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަވުމުން، އެމީހުންގެ ސާމްޕަލް ނަގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ވަނީ ފޮނުވާފައެވެ. އަދި އެމީހުންގެ ނަތީޖާ ނެގެޓިވް ވުމުން ދޫކޮށްލާފައި ވަނީ މީގެ ދެދުވަސް ކުރިން ނަމަވެސް ދޫކޮށްލި މީހުންގެ ތެރެއިން ހަތަރު މީހެއްގެ އިތުރު ސާމްޕަލް ނަގަން ބޭނުންވާ ކަމަށް އެޗްޕީއޭއިން ބުނި ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ.

އެގޮތުން ތިން މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން އެނގިގެން ދިޔަ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ކޮވިޑް-19 އަށް މިއަދު 47 މީހުން ޕޮޒިޓިވް ވެ 30 މީހުން ބަލިން ވަނީ ރަނގަޅު ވެފައެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އާންމު ކުރި އަދަދު ތަކަށް ބަލާއިރު މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 43 ދިވެހިންނާއި ބަންގްލަދޭޝްގެ 3 މީހުންނާއި އިންޑިއާގެ އެކަކެވެ. ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2664 އަށް އަރާފައިވާ އިރު މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2268 އަށް އަރާފައެވެ.