މެދުއިރުމަތީގެ އެންމެ ކާމިޔާބު އެއް އެއާލައިންގެ ގޮތުގައި ސިފަކުރަމުން އަންނަ ބައިނަލްއަގުވާމީ އެއާލައިން 'އެމިރޭޓްސް' އިން 9000 އެއްހާ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަށް ނިންމާފައިވާކަން، އެ އާލައިންގެ ރައީސް ޓިމް ކްލާކް އިއުލާން ކުރައްވައިފިއެވެ.

މިހާ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރަނީ، މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން ކަމަށް އެމިރޭޓްސްއިން ބުނެއެވެ.

މިއީ އެމިރޭޓްސްއިން ވަޒީފާ ގެއްލޭ މުވައްޒަފުންގެ ތަފާސް ހިސާބުތައް އެ އާލައިންއިން އާންމު ކުރި ފުރަތަމަ ފަހަރެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ދުނިޔޭގެ ވައިގެ އުދުހުންތަކުގެ ސިނާއަތް ހުއްޓުމަކަށް އައިއިރު، އެމިރޭޓްސްގައި 60000 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަ ކަމަށް ޚަބަރު ލިބެއެވެ.

ޓިމް ކްލާކް ވިދާޅުވީ މިހާރުވެސް އެކުންފުނީގެ މުވައްޒަފުންގެ ތެރެއިން 10 ބައިކުޅަ 1 ބައި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާނެ ކަމަށާ، އަދިވެސް އިތުރު މުވައްޒަފުންތަކެއް ވަޒީފާއިން ވަކި ކުރަންޖެހޭ ކަމަށެވެ.

ޓިމް ކްލާކް ވިދާޅުވީ ކޮވިޑް-19އާއިއެކު ވައިގެ އުދުހުންތައް ހުއްޓުމަކަށް އައުމާ ހިސާބަށް މިއަހަރަކީ އެމިރޭޓްސް ދުށް އެންމެ ކާމިޔާބު އެއް އަހަރު ކަމަށެވެ.

އެމިރޭޓްސް ކުންފުނިން މުވައްޒަފުން މަދު ކުރުމަށް ހިފާފައިވާއިރު، މިކަން މައިގަނޑު ގޮތެއްގައި އަމާޒުވަނީ އެއާބަސް ބޯޓުތަކުގައި އުދުހޭ މުވައްޒަފުންނަށެވެ. އެމިރޭޓްސްގައި މަސައްކަތް ކުރަމުންދިޔަ 1200 އެއްހާ ޕައިލެޓުންގެ ވަޒީފާ ގެއްލިފައިވާއިރު އެތައް ހާސް ކެބިން ކުރޫއިންނަކަށްވެސް ވަޒީފާއަށް ދެން އޭނާ ބޭނުން ނުވާނެކަން އަންގާފައިވާކަމަށް ޚަބަރު ލިބެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޓްކުރާ 290 އެއްހާ އެއާލައިންސް ތަމްސީލު ކުރާ އަޔާޓާއިން ވަނީ މިއަހަރު ތެރޭގައި ވައިގެ އުދުހުންތަކަށް 84 ބިލިއަން ޑޮލަރު ގެއްލި، އެތައް މިލިއަން ވަޒީފާއެއްވެސް ގެއްލިގެންދާނެކަމަށް ލަފާކޮށްފައެވެ.