މީޑިއާތަކަށް ބިރު ދެއްކުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ގަވާއިދެއް ހެދުމަށްފަހު ވަކި ތާރީހެއްގެ ކުރިން މަޖިލީހަށް ފޮނުވުމަށް އެ އިދާރާއިން މީޑިއާ ކައުންސިލަށް ފޮނުވާފައިވާ ސިޓީއާ ގުޅިގެން ކަންބޮޑުވާ ކަމަށާއި މިއީ މިނިވަން މީޑިއާ އަށް ހުރަސްއަޅާ މީޑިއާތަކަށް ބިރުދެއްކުމުގެ ގޮތުން ކުރިއަށްގެންދާ ވަރަށް ނުރައްކާތެރި ކަންތައްތަކެއްގެ ފެށުން ކަމަށް ބުނެފައި ވެއެވެ.

އެގޮތުން މިހާރު ރާއްޖޭގައި ހިނގަމުންދާ އެކި ކަންކަމާ ގުޅޭގޮތުންނާއި ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކޮށް ސިޔާސީ ނުފޫޒުގަދަ ބަޔަކު ހިންގާފައިވާ އަމަލުތަކާ ބެހޭގޮތުން ރިޕޯޓުކޮށްފައިވާ މީޑިއާތަކަށް އަމާޒުކޮށް، އެ މީޑިއާތަކުގެ މައްސަލަތައް ބެލުންފަދަ ކަންކަން ހިންގުމަކީ މިނިވަން ނޫސްވެރިކަމެއް އޮންނަންޖެހޭނެ ކަމަށް ބުނެ އަޑުގަދަކުރި ފަރާތްތަކުން ހިންގާ ދަށު ދަރަޖައިގެ އަދި ޑިމޮކްރެސީއާ ބީރަށްޓެހި އަމަލެއް ކަމަށްވެސް އެ ކޯލިޝަނުން ބުނެފައިވެއެވެ.

މިނިވަންކަމާއެކު ވަކި އަތަކަށް ނުޖެހި ހަބަރާ މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ ފުރުސަތު ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް ފަހިކޮށްދޭންޖެހޭ ކަމަށާއި ނަމަވެސް މައުލޫމާތު ހާމަކުރުމުގައި ސަރުކާރުން މީޑިއާތަކަށް ތަފާތުކުރުން ގެންގުޅޭ ކަމަށް އިދިކޯލުން ވަނީ ތުހުމަތުކޮށްފައެވެ.

މީޑިއާ ކައުންސިލަކީ މީޑިއާގެ މައްސަލަތައް ބަލާ މިނިވަން މުއައްސަސާއަކަށް ވާއިރު، އެ ކައުންސިލްގެ މަސައްކަތްތައް ވަކި ގޮތަކަށް ގެންދިޔުމަށް މަޖިލީހުން ބާރުފޯރުވުމަކީ މިއަދުގެ ސަރުކާރުން ވަރަށް ބޮޑަށް މީޑިއާތައް ކޮންޓްރޯލް ކުރުމަށް އަމާޒު ހިފާފައިވާ ކަމުގެ ހެތްކެއް ކަމަށްވެސް އިދިކޮޅުން ބުނެއެވެ.

އިދިކޮޅުން މީޑިއާތަކަށް ހުރަސް ނޭޅުމަށް ގޮވާލާފައި ވާއިރު، ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ބުނެ ހަބަރު ފަތުރާފައިވާ މީޑިއާތަކުގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ވަނީ ފަށައިފައެވެ. ހަމަ އެހެންމެ މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކާމެދު "މަނާކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ ދަށުން" ފިޔަވަޅު އެޅޭނެ އިޖުރާއަތްތައް ބަޔާން ކުރާ ގަވާއިދެއް އެކުލަވަލަން މަޖިލީހުގެ އިދާރާއިން މީޑިއާ ކައުންސިލަށް ވަނީ އަންގައިފައެވެ.