ހުޅުމާލޭގައި އޮތް ސަފާރީއެއްގައި ހިނގާ ދިޔަ ޖިންސީ ގޯނާގެ މައްސަލައަކާ ގުޅުވައި، މީޑިއާތައް ޖޫރިމަނާ ކުރެވޭ ގޮތަށް ގަވާއިދެއް ހަދަން ރައްތިތުންގެ މަޖިލީހުގެ އިދާރާއިން މީޑިއާ ކައުސިލަށް އެންގި އެންގުމަކީ ބިރުދެއްކުމުގެ އަމަލެއް ކަމަށް ރާއްޖޭގެ ބައެއް މީޑިއާ ތަކުގެ އެޑިޓަރުން ބުނެފިއެވެ.

ރާއްޖޭގެ ބައެއް ދުވަހު ނޫސްތަކާއި ބްރޯޑްކާސްޓަރަކު ހިމެނޭ ގޮތުން، ކަންބޮޑުވުން ފާޅުކުރުމަށް ރޭ އެޑިޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޑިޓަރުން އެހެން ބުނެފައިވަނީ ދާދި ފަހުން ހިފާ ދިޔަ ސަފާރީ ހާދިސާގެ ހަބަރުތައް ނޫސްތަކުން ގެނެސްދިނުމުގައި އޮޅުވާލައިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ތުހުމަތު ކޮށް، އަދި ބައެއް މީޑިއާތަކުން ދޮގު ހަބަރު ފެތުރި ކަމުގެ ތުހުމަތާއެކު، މީޑިއާތައް ޖޫރިމަނާ ކުރެެވޭނެ ގަވާއިދެއް ހެދުމަށް އެ ކޮމިޓީން މީޑިއާ ކައުންސިލުގެ މައްޗަށް "އަމުރު" ކޮށްފައި ވާތީއެވެ. މަޖިލީހުގެ އިދާރާއިން ފޮނުވި ސިޓީގައި އެ ގަވާއިދު ހަދާ މިދިޔާ ބުދަދުވަހުގެ 10:00 ގެ ކުރިން ފޮނުވަން ވަނީ އަމުރު ކޮށްފައެވެ. އެ ސިޓީގައި ސޮއި ކުރައްވާފައި ވަނީ މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިޔުޝާއެވެ.

ދަ ޕްރެސް ގެ އެޑިޓަރު އަލީ ޝަމްޢާން / ފޮޓޯ: ވަން

ރޭ ކަންބޮޑުވުން ފާޅު ކުރައްވަމުން "ދަ ޕްރެސް" ގެ އެޑިޓަރު އަލީ ޝަމްއާން ވިދާޅުވީ، ކުރިން ފެނިގެން ދިޔައީ ރާއްޖެ ޓީވީ ޖޫރިމަނާ ކުރުމުގެ ސަގާފަތެއް ކަމަށާއި، މިހާރު ފެންނަން މިދަނީ ހުރިހާ މީޑިއާއެއް ޖޫރިމަނާ ކުރުމުގެ ސަގާފަތެއް ކަމަށެވެ. އަދި މިއީ މީޑިއާގެ މުސްތަގުބަލަށް އަންނަ ބަނަ ވިލާގަނޑެއް ކަމަށާއި، މިއީ މީޑިއާތައް ކޮންޓްރޯލް ކޮށް، އަޅުވެތި ކުރުމުގެ ސިގްނަލެއް ކަމަށެވެ. އަދި މިކަންކަމާ ގުޅިގެން މީޑިއާތަކަށް ފިޔަވަޅު އެޅުމުގައި މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކުން، އަވަސްވެގަނެގެން އުޅޭތީވެސް ޝަމްއާން ވަނީ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ، މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކުގެ ޒިންމާއަކަށް ވާންވާނީ މީޑިއާތައް ހިމާޔަތްކޮށް ދިފާއުކޮށް ޒިންމާދާރު މީޑިއާއަަށް މަގުފަހި ކޮށްދިނުން ކަމަށެވެ. ނަމަވެސް މިހާރު ފެންނަނީ، ސިޔާސީ ފަރާތަކުން އެއްޗެއް ބުނާ އިރަށް، އެއަށް "ރިއެކްޓް" ކުރާ މުއައްސަސާތަކެއްގެ ގޮތުގައި ކަމަށެވެ.

ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު / ފޮޓޯ: ވަން

ރޭގެ ބައްދަލުވުމުގައި "ސަން އޮންލައިން"ގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ސަފާރީ މައްސަލާގައި ހިމެނޭ މީހުންގެ މައުލޫމާތު "އެކްސްޕޯސް" ވާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެކަމުގައި ޖިންސީ ގޯނާ ލިބުނު "ވިކްޓިމް"ގެ މަސްލަހަތު އެ ހިންގި އަމަލަށް ވުރެ އިސްކުރަން މަސައްކަތް ކުރުމަކީ އެ މައްސަލަ "އަންޑަމައިން" ކުރަން އުޅުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭވާ އިތުރަށް ވިދާޅުވީ، މީޑިއާ ކައުންސިލުން އެ މައްސަލަ ބަލައި ދެތުދޮގު ބުނެދިނުމަށާއި، އެކަން އެގޮތަށް ކުރުމުގެ ކުރިން، ވަކިގޮތަކަށް އަމަލު ކުރަން ބުނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

ވަން އޮންލައިންގެ އެޑިޓަރު ސިނާން އަލީ / ފޮޓޯ: ވަން

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި "ވަންއޮންލައިން"ގ މީޑިއާ ގްރޫޕުގެ ސީއީއޯ އަދި ނޫހުގެ އެޑިޓަރު ސިނާން އަލީ ވިދާޅުވީ މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ގަވައިދެއް ހަދަން ހަތް ދުވަހުގެ ކުރު މުއްދަތެއްގެ ދިނުމުން ސުވާލު އުފެދޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން މައްސަލަތައް ބަލައި، މީޑިއާ ކައުންސިލް އިން ފިޔަވަޅުއަޅަން އިރުޝާދު ދެވިގެން ނުވާނެ ކަމަށް ސިނާން ވިދާޅުވިއެވެ.

އަވަސް ނޫހުގެ ޗީފް އެޑިތަރު އާދަމް ހަލީމް / ފޮޓޯ: ވަން

ރޭގެ ބައްދަލުވުމުގައި "އަވަސް އޮންލައިންގެ" ޗީފް އެޑިޓަރު އާދަމް ހަލީމް (މުންޑޫ) ވިދާޅުވީ އެއް ނޫހެއްގައި އޮންނަ އެއްޗެއް އެހެން ނޫހަކުން ހަވާލާދީ ލިޔުމަކީ ނުވަތަ ކިޔުމަކީ މައްސަލައެއް ކަމަށް ދެކެވަޑައި ނުގަންނަވާކަމަށާއި، އެއީ އެހެން ތަންތާނގައިވެސް ޕްރެކްޓިސް ކޮށް އުޅޭ ގޮތެއް ކަމަށެވެ.

ދިޔަރެސްގެ ސީނިއާ ޖާނަލިސްޓް އަހުމަދު އަޒާން / ފޮޓޯ: ވަން

ރޭގެ ބައްދަލުވުމުގައި ދިޔަރެސް ނޫހުގެ ސީނިއާ ޖާނަލިސްޓް އަހުމަދު އަޒާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މީީޑިއާ ކައުންސިލް ފޮނުވި ލިޔުމާ މެދު އޭނާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެގޮތަށް އެކަން ކުރަން އަމުރުކޮށް އެފަދަ ލިޔުމެއް ފޮނުވުމަކީ މަޖިލީހަށް، އަދި ހާއްސަކޮށް މަޖިލީހުގެ އަމީން އާންމަށް ލިބިވަޑައިގެންވާ ބާރެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ގަވައިދު ހަދަން ސީދާ މަޖިލީހުގެ ކޮމެޓީއަށް މި ގޮތަށް މި ސިޓީީ ދޭން އެންގީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. އެއީ މަޖިލީހުގެ މެމްބަރަކު އަޅުގަނޑަށް މައުލޫމާތު ދެއްވާފައި އޮތީމައި" އަޒާން ވިދާޅުވިއެވެ.

ޗެނަން 13 ގެ ޗީފް އެޑިޓަރު ފަތޯނާ ފާއިރު / ފޮޓޯ: ވަން

"މެންދުރު އޮންލައިން" ގެ ކޮންޓެންޓް ޗެނަލް 13 އިން ބްރޯޑްކާސްޓް ކުރާ މައްސަލަ ބްރޯޑްކޮމް އިން ބަލާ ކަމަށް ބުނެ އެ ޗެނަލަށް ބްރޯޑްކޮންއިން ފޮނުވާފައިވާ ލިޔުމާ ގުޅިގެން ޗެނަލް 13 އިގެ ޗީފް އެޑިޓަރު ފަތޯނާ ފާއިޒު ވިދާޅުވީ، މެންދުރު އޮންލައިންގެ ކޮންޓެންޓް އެ ޗެނަލުން ގެނެސްދޭއިރު ބުނެފައި އޮންނަނީ، އެއީ މެންދުރު އޮންލައިންގައި އޮތް ރިޕޯޓެއް ކަމަށް ބުނެފައި ކަމަށެވެ.

ވަގުތު ނޫހުގެ ޑެޕިއުޓީ އެޑިޓަރު ޒަހީން އަބްދުﷲ / ފޮޓޯ: ވަން

ރޭގެ ބައްދަލުވުމުގައި ވަގުތު ނޫހުގެ ޑެޕިއުޓީ އެޑިޓަރު ޒަހީން އަބްދުﷲ ވާހަކައިގައި ވަނީ މައުލޫމާތު ހޯދަ ލިމުގައި ދަތިތައް ހުރިކަން ފާހަގަ ކުރައްވައި، ދިގު އެއް އަަހަރަށް ވުރެ ގިނަ ދުވަސް، ވަގުތު ނޫސް "ޕޮލިސް މީޑިއާ" ގްޕޫޕުން ބޭރުކޮށްގެން ގެންގުޅެފައި ވަކަން ފާހަގަ ކުރައްވާފައެވެ.

ރޭ އެޑިޓަރުން ބޭއްވި ބައްދަލުވުމަކީ، ރާއްޖޭގެ ނޫސްވެރިކަމަށް ދިމާވަމުން އަންނަ ގޮންޖެހުންތަކާ މެދު ކަންބޮޑުވުން ފާޅު ކުރުމަށް މި ފަހުން ބޭއްވި ފުރަތަމަ ބާއްދަލުވުމެވެ. ނޫސްވެރިންނަށް ދިމާވާ ކަންބޮޑުވުންތަކާ ގުޅިގެން ނޫސްވެރިންގެ ހައްގުގައި އަޑުއުފުލުމަށް ކުރިން ހަރަކާތްތެރިވި ޖަމްއިއްޔާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ނެތުމުގެ ފަޅުކަންވެސް ރޭ ބައެއް އެޑިޓަރުން ފާހަގަ ކުރައްވާފައި ވެއެވެ.