ހުޅުމާލޭގައި ހުރި ޖިމްއަކާ ގުޅުން ހުރި ޕޮޒިޓިވް 8 ކޭސް ފެނިފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ކޮންޓެކްޓް ޓްރޭސް ކުރުމުގެ ތެރެެއިން ހުޅުމާލޭގައި ހުރި ޖިމްއަކާ ގުޅުން ހުރި 8 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށެވެ. އަދި މި 8 ކޭސް ފެނިފައި ވަނީ ވޭތުވެދިޔަ 3 ދުވަހުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމުން ކުޅިވަރު ކުޅޭ ތަންތަނާއި ޖިމް ފަދަ ތަންތަން ވަނީ ބަންދުކޮށްފައި ވަނީ މިދިޔަ މާޗްމަހުގެ 29 ވަނަ ދުވަހެވެ. ނަމަވެސް ލޮކްޑައުންގެ ހާލަތަށް ލުއިތަކެއް ދިނުމުގެ ގޮތުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ ޖިމްތައް ހުޅުވާލާފައެވެ.

ޖިމް އަދި ފިޓްނަސް ސެންޓަރުތަކުގައި އަމަލު ކުރަންވީ އުސޫލު ބަޔާންކޮށް އެޗްޕީއޭއިން ނެރުނު ގައިޑްލައިންގައި ބުނެފައި ވަނީ ޖިމްގައި މީހުން އުޅޭއިރު ތިން ފޫޓުގެ ގައިދުރުކަން ކަށަވަރު ކުރަންވާނެ ކަމަށާއި އެޕޮއިންޓްމަންޓު ދޫކުރުމުން، ކްލަޔަންޓުން ގަޑިޖެހުމުގެ ފަސް މިނެޓު ކުރިން ދާންވާނެ ކަމަށް ވެސް ބުނެފައި ވާއިރު، ޖިމްގެ އިކުއިޕްމަންޓުތައް ބަހައްޓާފައި ހުންނަން ވާނީ ތިން ފޫޓު ދުރުމިން ބަހައްޓައިގެން ކަމަށް އެ ގައިޑް ލައިންގައި ބުނެފައިވެއެވެ. ޖިމަށް ވަންނައިރު އާއި ނިކުންނަ އިރު ދެ މީހުންގެ ދެމެދުގައި މަދުވެގެން ތިންފޫޓު ދުރުމިން ހުންނަ ކިޔުއެއްގައި ތިބެގެން ވަދެ ނިކުތުމުގެ އިންތިޒާމު ހަމަޖެއްސުމަށް ގައިޑްލައިން ބުނެއެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ޕޮޒިޓިވް ވާ ފަރާތްތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ 36 ފަރާތެއް ޕޮޒިޓިވް ވެފައިވާ އިރު އޭގެތެރެއިން 14 ފަރާތަކީ އެއްވެސް ކޭސްއަކާ ގުޅުމެއް ނުވާ ފަރާތްތަކެވެ. ގިނައިން މަގުމަތީގައި ނުކުމެ އުޅެނީ ފިރިހެނުން ކަމަށް ވާއިރު މިހާރު ބަލިޖެހޭ މީހުންގެ ތެރެއިން ވެސް ގިނައިން ފެނިގެން ދަނީ ފިރިހެނުންނެވެ.

މިއަދު ޕޮޒިޓިވް ވި 36 މީހުންގެ ތެރޭގައި ހިމެނެނީ 33 ދިވެހިންނާއި ބަންގްލަދޭޝްގެ 2 މީހުންނާއި އިންޑިއާގެ އެކަކެވެ. ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2553 އަށް އަރާފައިވާ އިރު މި ބަލިން ރަނގަޅު ވެފައިވާ މީހުންގެ އަދަދު ވަނީ 2227 އަށް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ 942 ދިވެހިންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 1996 މީހުންނެވެ. އަދި އިންޑީއާއަށް ނިސްބަތްވާ 228 މީހުންނާއި ނޭޕާލަށް ނިސްބަތްވާ 44 މީހުންނާއި ސްރީލަންކާގެ 19 މީހުންނެވެ.