ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ބީއެމްއެލްގެ ދެ މުވައްޒަފެއް މިއަދު ފެނުނު ޕޮޒިޓިވް ކޭސްގެ ތެރެއިން ފެނިފައިވާ ކަމަށެވެ. މިއަދުގެ މިކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ބީއެމްއެލް ކޭސްގެ އިތުރުން މިއަދު ޓްރީޓޮޕް ހޮސްޕިޓަލުގެ ނަރުހަކާއި އައިޖީއެމްއެޗްގެ ނަރުހެއްވެސް ވަނީ ޕޮޒިޓިވްވެފައެވެ. އަދި ދަރުމަވަންތަ ސްކޫލަގެ މުވައްޒަފަކާއި ރައްޔިތުން މަޖިލީހުގެ ޑްރައިވަރަކާއި އެފްއޭއެމްގެ މުވައްޒަފަކާއި ހުޅުމާލެގައި ހުރި ޖިމްއަކާ ގުޅުންހުރި 8 ކޭސެއް ފެނިފައިވާ ކަަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 33 ދިވެހިންނާއި ބަންގްލަދޭޝްގެ 2 މީހުންނާއި އިންޑިއާގެ އެކަކެވެ. ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2553 އަށް އަރާފައިވާ އިރު މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2227 އަށް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 942 ދިވެހިންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 1996 މީހުންނެވެ. އަދި އިންޑީއާއަށް ނިސްބަތްވާ 228 މީހުންނާއި ނޭޕާލަށް ނިސްބަތްވާ 44 މީހުންނާއި ސްރީލަންކާގެ 19 މީހުންނެވެ.