ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައާ ގުޅިގެން އެ މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހައްސާން ފުއާދުވެސް މަގާމުން ވަކިކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ހައްސާން ވަކިކުރީ މިނިސްޓަރު އަލީ ވަހީދުވެސް ވަކިކުރި މައްސަލައާ ގުޅިގެން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

މިއަދު ހައްސާން މަގާމުން ވަކިކޮށްފައި ވާ އިރު ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާއާއި ފުރައްސާރަ މިނިސްޓަރު އަލީ ވަހީދު ހިންގަވާފައިވާ ކަމުގެ ޝަކުވާ އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމުން، އޭނާ މިއަދު މަގާމުން ވަކިކޮށްފައި ވަނިކޮށެވެ.

‏އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހް އެންގެވީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހުލާގީ މައްސަލަތަކެއް ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް ސޯލިހަށާއި، ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

‏އިސްތިއުފާ ދެއްވުމަށް އަލީ ވަހީދަށް ރައީސް ސޯލިހް އެންގެވި ނަމަވެސް އޭނާ ރަސްމީ ސިފައެއްގައި އިސްތިއުފާ ދެއްވިކަމުގެ ސިޓީއެއް ރައީސް ސޯލިހަކަށް ނާރުވައެވެ. އޭނާ މަގާމުން ވަކިކުރީ ރަސްމީކޮށް އިސްތިއުފާ ނުދެއްވުމުންނެވެ.