ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަން އެކައުންސިލުން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދީފައެވެ. އެ ކައުންސިލުގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި، ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވް ވި ފަރާތް ދިރިއުޅޭ ގޭގައި އޭނާއާި އެއްކޮށް އެގޭގެ 3 މީހަކު ކަރަންޓީނު ވެގެން އެބަ ތިއްބެވެ. އަދި އެ މީހުންގެ ސާމްޕަލް މިއަދު ނަގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

‏ނޮޅިވަރަމް ކައުންސިލްގެ މެންބަރު އިބްރާހިމް ނަސީރު ވިދާޅުވީ، ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓްވީ، މިމަހު 6 ވަނަ ދުވަހު މާލެއިން ދިޔަ މީހެއް ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްކަން އެނގިފައި ވަނީ އޭނާ މާލޭގައި ނެގި ރެންޑަމް ސާމްޕަލް އަކުން ކަމަށް ނަސީރު ވިދާޅުވިއެވެ.

‏ނަސީރު ވިދާޅުވީ މިހާރު އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން ހަދަމުންދާ ކަމަށެވެ.

‏މިއީ މިފަދައިން ހޯމް ކަރަންޓީނަށް ދިޔަ މީހުންގެ ތެރެއިން މީހަކު ޕޮޒިޓިވްވި ދެވަނަ ރަށެވެ. މީގެ ކުރިން ގއ. މާމެންދޫން ވެސް ވަނީ 3 މީހަކު ޕޮޒިޓިވް ވެފައެވެ.

‏ރާއްޖޭގެ ކޮވިޑް-19ގެ މިހާރުގެ ހާލަތަށް ބަލައިރު 2517 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެ، 13 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. އަދި 2180 މީހަކު މި ބަލިން ރަނގަޅު ވެފައި ވާއިރު މިހާރު މި ބަލީގައި ފަރުވާ ހޯދަމުން ދަނީ 319 މީހެކެވެ.