ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ކުރި ހުކުމުގައި ދައުލަތަށް ދައްކަން ޖެހޭ ކަމަށް ބުނެފައިވާ ފައިސާ ނުދައްކައިގެން ކޯޓަށް ދާން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްމުން އެޖީ އޮފީހުން ބުނީ، ޖޫރިމަނާގެ ފައިސާ ރައީސް ޔާމީން ދައްކަވާފައި ނުވާތީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެގޮތުން، އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މި މައްސަލަ ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ވަނީ ހުށަހަޅާފައެވެ. އަދި މައްސަލައިގެ އިސްތިއުނާފީ ޝަރީއަތްތައް މިހާރު ކުރިއަށް އެބަދެއެވެ. އެގޮތުން އިސްތިއުނާފީ ޝަރީއަތެއްގައި އެމަނިކުފާނު ވަނީ ޖަލުގައި ހުންނަވައިގެން ޖޫރިމަނާ ދެއްކޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ހައްގު ހުކުމެއް ކަމަށް ދުރާލާ ވިސްނޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ސިޔާސީ ބޭނުމެއްގައި އިއްވި ހުކުމެއް ކަމަށާއި، އިދިކޮޅު ލީޑަރެއްގެ ގޮތުގައި އެމަނިކުފާނު ހަރަކާތްތެރިވަމުން ގެންދަވާތީ، އިންތިހާބާ ދިމާކޮށް، އިންތިހާބަށް ހުރަސް އެޅުމުގެ މަގްސަދުގައި އިއްވި ހުކުމެއް ކަމަށެވެ. ރައީސް ޔާމިން ވިދާޅުވީ، އެމަނިކުފާނު ޖަލުގައި ބަންދުކޮށްގެން، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަން ހުރި މަސައްކަތްތަކަށް ހުރަސް އަޅާފައިވާ ކަމަށާއި، އެއީ "ލާދީނީ" ކަންތައް ކުރުމާއި ސެކިއުލާ ވިސްނުން ފެތުރުމުގެ ބޭނުމުގައި ކުރަމުން ގެންދާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ޖަލުގައި ހުންނަވަން ޖެހިވަޑައިގެންނެވުމުގެ ސަބަބުން އެމަނިކުފާނަށް ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި ސިއްހީ މައްސަލަތައް ދިމާވެފައިވާއިރު، ޖަލުގައި ހުންނެވުމުގެ ސަބަބުން ހިތުގެ ބައްޔެއް ޑިވެލޮޕްވެފައިވާ ކަމަށާއި، މައި ބަދައިގެ އޮޕަރޭޝަނެއް ވެސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ބޭސް ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށާއި ސްޓްރެސްފުލް މާހައުލުތަކާ ދުރުގައި ހުންނެވުމަށް އަދި ސިއްހީ އެހީތެރިކަން ލިބޭ ތަނެއްގައި ހުންނެވުމަށް ވެސް ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށެވެ.