ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު އެ މަގާމުން ވަކިކޮށް، އެ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާ ހަވާލުކޮށްފިއެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން ވަކި ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންގެވުމުގެ މަތިން އޭނާ އެ މަގާމުން އިސްތިއުފާ ނުދެއްވުމާ ގުޅިގެންނެވެ. އަދި އެއާއެކު، ޓޫރިޒަމް މިނިސްޓްރީ ވަގުތީގޮތުން ހިންގުން މިނިސްޓަރު ފައްޔާޒާ ރައީސް ސޯލިހް ހަވާލުކުރެއްވީ މިއަދެވެ.

އަލީ ވަހީދު ވަނީ އިސްތިއުފާ ދެއްވާ މިނިސްޓަރު ކަމުގައި ހުންނަވައިގެން ކޮށްދެއްވި ހިދުމަތްތަކަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ރޭ ޓްވީޓް ކުރައްވައިފައެވެ. ނަމަވެސް، ރަސްމީކޮށް އިސްތިއުފާ ދެއްވި ކަމުގެ ލިޔުން އޭނާ ރައީސް ސޯލިހަށް އަރުވާފައި ނުވާތީ، އޭނާ އިސްތިއުފާ ދެއްވި ކަމަކަށް ބަލައެއް ނުގަނެއެވެ.

‏އަލީ ވަހީދަކީ ރައީސް ސޯލިހްގެ ވެރިކަމުގައި މަގާމުން ވަކިކުރި ފުރަތަމަ ވަޒީރެވެ.

‏އަލީ ވަހީދު މަގާމުން ވަކިކޮށްފައި ވަނީ ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައެވެ. އެގޮތުން، އަލީ ވަހީދު ވަނީ ޓުއަރިޒަމް މިނިސްޓްރީގެ 12 މުވައްޒަފަކަށް ޖިންސީ ގޯނާ ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލަ މިހާރު ޖެންޑާ މިނިސްޓްރީންނާއި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

‏އަލީ ވަހީޑު މަގާމުން ވަކިކުރުމާއެކު އެ މަގާމަށް ދެން އައްޔަން ކުރާނީ ކޮން ފަރާތެއްތޯ ސުވާލު އުފައްދާ ގިނަ ފަރާތްތަކަކުންދަނީ އެ ފަރާތްތަކުގެ ހިޔާލު ފާޅު ކުރަމުންނެވެ.