ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން ރައީސުލްޖުމްހޫރިއްޔާ އޭނާ މަގާމުން ވަކިކުރައްވައިފިއެވެ.

މިއަދު އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އޭނާ އެ މަގާމުން ވަކިކުރައްވާ އެ މިނިސްޓްރީީ ވަގުތީ ގޮތުން ހިންގެވުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާ ވަނީ ހަވާލު ކުރައްވާފައެވެ.

‏އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހް އެންގެވީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހުލާގީ މައްސަލަތަކެއް ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް ސޯލިހަށާއި، ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާތީ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ ވިދާޅުވެފައެވެ.

‏ހޫދު މިހެން ވިދާޅުވެފައި ވާއިރު، އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އަންގަވާފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރެއްވި މައްސަލައެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން އެ މިނިސްޓްރީގެ 12 މުވައްޒަފަކަށް އޭނާ ޖިންސީ ގޯނާ ކުރައްވައިފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ.

‏ރައީސް ސޯލިހްގެ ސަރުކާރުގައި ފުރަތަމަ މަގާމުން ވަކިކުރި މިނިސްޓަރަކީ އަލީ ވަހީދެވެ.

‏އިސްތިއުފާ ދެއްވުމަށް އަލީ ވަހީދަށް ރައީސް ސޯލިހް އެންގެވި ނަމަވެސް އޭނާ ރަސްމީ ސިފައެއްގައި އިސްތިއުފާ ދެއްވިކަމުގެ ސިޓީއެއް ރައީސް ސޯލިހަކަށް ނާރުވައެވެ. އޭނާ މަގާމުން ވަކިކުރީ ރަސްމީކޮށް އިސްތިއުފާ ނުދެއްވާތީ ކަމަށް މައުލޫމާތުލިބެއެވެ.

.