ބަދުއަހުލާގީ މައްސަލައެއްގައި މިނިސްޓަރު އަލީވަހީދު އިސްތިއުފާދޭން ރައީސް އަންގަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، މިނިސްޓަރު އަލީ ވަހީދާ ގުޅޭ ގޮތުން، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހުލާގީ މައްސަލަތަކެއް ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އަށާއި، ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވާކަމަށެވެ.

އެ މައްސަލަތަކަކީ ކޮބައިކަމެއް ހޫދު ވިދާޅެއް ނުވެއެވެ.

މި ކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީ އާ ސުވާލުކުރުން އެމިނިސްޓްރީގެ މީޑިއާ ހެޑް ވިދާޅުވީ، ހުށަހެޅިފައިވަނީ ކޮން މައްސަލައެއްކަން ހާމަ ކުރެވޭނީ ތަހުގީގު ކޮށްފައި ކަމަށާއި، ޖެންޑާ މިނިސްޓަރުގެ އިރުޝާދަކީ ވެސް ހޫދު ވިދާޅުވެފައި އޮތް މިންވަރަށް ހާމަ ކުރުން ކަމަށެވެ.

ހޫދު ވިދާޅުވެފައި ވަނީ ހުށަހެޅުނު މައްސަލަތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިރޭ އަންގަވާފައި ވާ ކަމަށެވެ.

އަލީ ވަހީދާ ބެހޭ ގޮތުން ދާދި ފަހުން ވަނީ ސޯޝަލްމީޑިއާގައި ވެސް ގިނަ ތުހުމަތުތަކެއް ކުރެވިގެން ގޮސްފައެވެ. އޭނާ، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފޯނުން ގުޅުއްވާ ބޭއަދަބީ ވާހަކަ ދައްކަވާފައިވާ އެތައް އޯޑިއޯއެއް ވަނީ ލީކްވެގެން ގޮސްފައެވެ.

އެމައްސަލަތައް ހޫނުވެގެން ދިޔަ އިރުވެސް، އޭނާ އިސްތިއުފާ ދެއްވަން ރައީސް އަންގަވާފައި ނުވާ އިރު، މިރޭ އިސްތިއުފާ ދެއްވަން އެންގެވީ، ޖެންޑާ އާ ގުޅުންހުރި މައްސަލަތަކެއް ފެންމަތިވެގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިގެ ސަރުކާރުގައި އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވި ފުރަތަމަ ވަޒީރަކީ އަލީ ވަހީދެވެ.