ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް 16 ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅި ނަމަވެސް، އެ ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންދިޔަ ކަމުގައި ބަލާނީ، ކޮމިޝަނުން ފޯމުގެ ސައްހަކަން ކަށަވަރުކޮށް، އެ ހުށަހެޅުން ގަބޫލުކުރުމުންނެވެ. ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންދިޔަ ނަމަވެސް، އެ ކެންޑިޑޭޓު ކުރިމަތިލައިފައިވާ ކައުންސިލް ނުވަތަ ދާއިރާގެ އެހެން ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރުތަކަށް ބަދަލު ނާންނާނެ ކަމަށް އުސޫލުގައިވެއެވެ.

އިންތިހާބުގައި ވާދަ ނުކުރަން ނިންމާ، 16 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކުރިމަތިލާފައިވާ ފަރާތެއް ނިޔާވުމުގެ ސަބަބުން އެ ފަރާތުގެ ނަން ވެސް ވަނީ ކެންޑިޑޭޓުންގެ ލިސްޓުން އުނިކޮށްފައެވެ. އެއީ ހދ. ހަނިމާދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ މެންބަރުކަމަށް ކުރިމަތިލި އެމްޑީޕީގެ ކެންޑިޑޭޓް ހުސްނުބާން އަބްދުއްރަހްމާނެވެ.

ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުން

އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން:

  • ފާތިމަތު ސާއިގާ ހާލިދު - ގއ. ކޮނޑޭ ކައުންސިލް / ކެންޑިޑޭޓް 9
  • އަބްދުލްމަޖީދު މާހިރު - ލ. މާވަށު ކައުންސިލް / ކެންޑިޑޭޓް 5
  • އާމިނަތު ޝިފާނާ - ތ. ވަންދޫ ކައުންސިލް / ކެންޑިޑޭޓް 6
  • ހަސަން ޒަރީރު (ހަސަންބެ) - ތ. ތިމަރަފުށި ކައުންސިލް / ކެންޑިޑޭޓް 6
  • އަހްމަދު އާސިފް (އަންމަޑޭ) - ހދ. ނޭކުރެންދޫ ކައުންސިލް / ކެންޑިޑޭޓް 23
  • ޒަހީނާ އަބްދުއްރަޝީދު - ހއ. މޮޅާއިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ / ކެންޑިޑޭޓް 5 އަމްނާ ހުސައިން - ބ. ހިތާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ / ކެންޑިޑޭޓް 11

އެމްޑީޕީ ކެންޑިޑޭޓުން:

  • މުހައްމަދު ރަޝީދު - ނ. މާޅެންދޫ ކައުންސިލް / ކެންޑިޑޭޓް 10
  • ހަސަން ނާފިއު - އއ. ބޮޑުފުޅުދޫ ކައުންސިލް / ކެންޑިޑޭޓް 8
  • ނިއުމާ އަބޫބަކުރު - ހއ އުލިގަމު ކައުންސިލް / ކެންޑިޑޭޓް 10
  • މިއުނާ ހަސަން - ހއ. މުރައިދޫ ކައުންސިލް / ކެންޑިޑޭޓް 5
  • މަރިޔަމް އާތިރާ - ލ. ކަލައިދޫ ކައުންސިލް / ކެންޑިޑޭޓް 5

ޕީޕީއެމް ކެންޑިޑޭޓުން:

  • ނަސްފާ މުހައްމަދު ސައީދު - ށ. މަރޮށީ ކައުންސިލް / ކެންޑިޑޭޓް 8
  • ހަލީމަތު ފިއުނާ - ނ. ފޮއްދޫ ކައުންސިލް / ކެންޑިޑޭޓް 8
  • ސައުދު މުހައްމަދު - ނ. މަގޫދޫ ކައުންސިލް / ކެންޑިޑޭޓް 3

ޖޭޕީ ކެންޑިޑޭޓުން:

  • އިބްރާހީމް ސާއިލް - ށ. މިލަންދޫ ކައުންސިލް / ކެންޑިޑޭޓް 4

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 23 ވަނަ ދުވަހުއެވެ. މިހާތަނަށް 16 ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފައިިވާއިރު، އީސީން ބުނީ، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީހު އިއުލާނު ކުރާނެ ކަމަށެވެ.

މި އަހަރު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ނިންމާފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ނަމަވެސް ރާއްޖޭގައި ކޮވިޑް ފެތުރުމާ ގުލީގެން ލޯކަލް ކައުންސިލް އިންތިހާބު ވަނީ ފަސްކޮށްފައެވެ. ނަމަވެސް ފަސްކޮށްފައިވާ އިންތިހާބު ބާއްވާނެ ތަރީހެއް އަދި ނިންމާފައެއް ނުވެއެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅު އިންތިހާބު ބޭއްވުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.