އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، ފެހެންދޫ ދަރިވަރުން ސްކޫލަށް ގޮސް އައިސް ވުމަށް ބަނދެފައިވާ ސްޓޫޑަންޓް ފެރީ ދިވެހި ސަރުކާރާ މިއަދު ހަވާލުކޮށްފިއެވެ.

މި ޕްރޮޖެކްޓް ހިންގާފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހު އިންޑިއާ ސަރުކާރުން ހަމަޖައްސާ ދިން ހިލޭ އެހީގެ ދަށުންނެވެ. ފެހެންދޫގައި ތިބި ދަރިވަރުންނަށް ކިޔެވުމަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް ރައްކާތެރި ކަމާއެކު ގޮއިދުއަށް ގޮސް، އައސް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށް، މި ފެރީ ހޯދުމަށް 2.5 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހަމަޖައްސައި ދީފައެވެ.

ފެރީ ސަރުކާރާ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މި ޕްރޮޖެކްޓްގެ ސަބަބުން ފެހެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންގެ ދިގު އިންތިޒާރަކަށް ނިމުން އަތުވެއްޖެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި އުޅޭ ދަރިވަރުންނަށް ތައުލީމުގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ދޭ އިސްކަމުގެ ހެއްކެއް ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިއަދު ހަވީރު މިކަމަށްޓަކައި އިއްޒުއްދީން ޖެޓީ ކައިރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާއި، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންގެ އާއި ދިވެހި ސަރުކާރާއި އިންޑިއާ ހައިކޮމިޝަންގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.