އާސަންދައިގެ ދަށުން ނޫނަސް ކްރިޓިކަލް ފަރުވާ ބޭނުންވާ ފަރާތްތަކަށް އިންޑިއާއިން ބޭސްފަރުވާކުރުމަށް އެގައުމަށް ދިޔުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ ރާއްޖެއިން ލިބެން ނެތް، "ކްރިޓިކަލް" ފަރުވާ ހޯދާ ފަރާތްތަކަށް ހާއްސަކޮށް އިންޑިއާ ސަރުކާރުން ދިން ފުރުސަތެއް ކަމަށެވެ. އަދި ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާއަށް ދިޔުމުގެ ހުއްދައަށް އެދުނުނަމަވެސް، ދަތުރުކުރެވޭނީ އިންޑިއާ ސަރުކާރުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު، ހުއްދަ ދޭ ފަރާތްތަކަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ކްރިޓިކަލް ފަރުވާއަށް ދަތުރުކުރުމުގެ ހުއްދަ ލިބޭ ފަރާތްތަކުން އިންޑިއާއަށް ދިޔުމަށް، މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މެޑިކަލް ވިސާ ނަގަން ޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި، މިގޮތަށް ބޭސްފަރުވާއަށްދާ ފަރާތްތަކުން އިންޑިއާގައި ތިބުމާއި، ކަރަންޓީންވުމުގެ އިންތިޒާމްތަކާއި، ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސަން ޖެހޭނީ އެފަރާތަކުން އަމިއްލައަށެވެ.

އެ މިނިސްޓްރީން ބުނީ މިހާއްސަ ހުއްދަ ލިބިފައި ވަނީ ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު، އިންޑިއާ ސަރުކާރާއި، މާލޭގައި ހުންނަވާ އިންޑިއާ ސަފީރާއެކު ކުރެއްވި މަޝްވަރާތަކަށްފަހު ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ، ކްރިޓިކަލް ކެއާއަށް އަމިއްލަ ހަރަދުގައި ދާން ބޭނުންވާ ފަރާތްތަކުން އިންޑިއާއަށް ދިޔުމަށް އެދުމަށް ފޮރިން މިނިސްޓްރީގެ ކޮންސިއުލާ ޑިޕާޓްމަންޓަށް މެއިލް ކުރުމަށާއި އެކަމުގެ އިތުރު މައުލޫމާތު 7983400 އިން ލިބޭނެ ކަމަށެވެ.

އިންޑިއާގެ ބޯޑަރު ބަންދުކޮށް، އަދި ބައެއް ސަރަހައްދުތައް ލޮކްޑައުންގައި އޮތުމުން އިންޑިއާއަށް މިވަގުތު ދަތުރުނުކުރެވޭތީ، ކްރިޓިކަލް ފަރުވާ ހޯދުމަށް އެގައުމަށް އެތެރެވުމަށް ދިވެހިންނަށް ދިން ހާއްސަ ހުއްދައަކީ މިގޮތަށްދޭ އެގައުމުން ދިން ފުރަތަމަ ހުއްދައެވެ. އެގައުމުން ވަނީ މީގެ ކުރިން ވެސް އާސަންދަ މެދުވެރިކޮށް އިންޑިއާއަށް ބޭސްފަރުވާއަށް ދާން ޖެހޭ ބައެއް ފަރާތްތަކަށް އިންޑިއާއަށް އެރެތެވުމމުގެ ހުއްދަ ދީފައެވެ.