ޓްރީޓޮޕް ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލުގެ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަަމަށެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 9 ސްޓާފެއް ވަނީ އެކަހެރިކުރެވިފައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ޕޮޒިޓިވްވި ސްޓާފްގެ ކޮންޓެކްޓުންގެ ތެރޭގައި އެއްވެސް ބަލި މިހަކު ނުހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިރޭ ނުށްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވަނީ އައިޖީއެމްގެ ކޭސްގެ އިތުރުން ފިޔަވަތިންވެސް ޕޮޒިޓިވް ކޭސްއެއް ފެނިފައިވާ ކަމަށް ވިދާލުވެފައެވެ.

މިހާތަނަށް އައިޖީއެމްއެޗްގެ ކޭސްތަަކަށް ބަލާލާއިރު ޖުމްލަ 15 މީހުން ޕޮޒިޓިވްވެފައި ވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެއީ 6 ސްޓާފުންނާއި 7 ބަލި މީހުންނާއި 2 އެހީތެރިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު އައިޖީއެމްއެޗްގައި ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މިއަދު މެންދުރާ ހަމައަށް 308 ސާމްޕަލް އައިޖީއެމްއެޗް ކޭސް އާ ގުޅިގެން ނަގާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ފިޔަވަތީގައި މަސައްކަތް ކުރާ މުވައްޒަފަކާއި ޓްރީޓަޕް ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފެއްވެސް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެ ގޮތުން ފިޔަވަތިން ފެނުނު ޕޮޒިޓިވް ކޭސްއަކީ އައިޖީއެމްއެޗް ކޭސްއާ ގުޅުން ހުރި ކޭސްއެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި އެއީ އައިޖީއެމްއެޗަގައި އޮތް ބަލި މީހެއްގެ އާއިލާ މީހެއް ކަމށް ނަޒްލާ ވިދާޅުވިއެވެ.

މިއަދ ކޮވިޑަށް 33 މީހުން ޕޮޒިޓިވްވެ 19 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއަދު ޕޮޒިޓިވްވި 33 މީހުންނާއެކު ޖުމްލަ އަދަދު ވަނީ 2468 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 12 ދިވެހިންނާއި ބަންގްލަދޭޝްގެ 18 މީހަކާއި އިންޑިއާގެ 3 މީހެކެވެ.