މި ރާއްޖެ ތަރައްގީ ކުރުމައިގެން ސަރުކާރުން ކުރިއަށް ދަނީ ގައުމުގެ ދިފާއީ މައި ތަނބަކީ ދިވެހި އަސްކަރިއްޔާ ކަމުގައި ބަލައިގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކަޅުތުއްކަލާ ކޮށީގައި މިރޭ ސިފައިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދިވެހި ސިފައިންނަކީ އިލްމީ ގޮތުންނާއި ފަންނީ ގޮތުން އަދި ޖިސްމާނީ ދުޅަހެޔޮ ކަމާއި ނަފްސާނީ ގޮތުންވެސް ސިފަވަންތަ ބަޔަކަށް ހެދުމަށް ސަރުކާރުން ހާއްސަ ސަމާލުކަން ދޭ ކަމަށެވެ. ސިފައިންގެ ވެލްފެއާގެ ކަންކަން ވެސް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ކުރިޔަށް ގެންދިއުމަށް ސަރުކާރުން އިތުރު މަސައްކަތްތައް އެބަ ކުރަން ކަމަށް ރައީސް ވިދާޅުވިއެވެ. އޭރުން މިހާރަށްވުރެވެސް ފުރިހަމަ އަށް ދިވެހި ސިފައިންގެ ހިދުމަތް ދިވެހި ގައުމަށް ލިބިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހި ސިފައިންނަކީ ހުރިހާ ގޮތަކުންވެސް ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންގެ ދިފާއީ އައްޑަނަ އެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިއަހަރު ފެށުނީއްސުރެއް މުޅި ދިވެހި ގައުމު ޝާމިލުވާހެން ކުރަމުން އަންނަނީ ވަރަށް އުނދަގޫ މަސައްކަތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކޮވިޑް19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި ވަރަށް ގިނަ ހުރަސްތަކާއި ވަރަށް ގިނަ ގޮންޖެހުންތަކާއި ވެސް ކުރިމަތިލާން ޖެހިއްޖެ ކަމަށެވެ. ނަމަވެސް ﷲގެ ވާގިފުޅާއިއެކު އެ ހުރަސްތައް ގިރާކޮށް މިއަދު މިތިބަ ހާލަތަށް އާދެވުމުގައި ދިވެހި ސިފައިންގެ ދައުރު ވަރަށް ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ.
"ކޮވިޑް19 ގެ ނުނުރައްކަލުން ސަލާމަތްވުމާއި އެއާއި ދެކޮޅަށް މަސައްކަތް ކުރުމަށް ސަރުކާރުން އުފެއްދެި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ވެސް އެންމެ ގިނަ މުވައްޒަފުން ބައިވެރިވި އެއް އިދާރާއަކީ އެމްއެންޑީއެފް. އޭގެއިތުރުން ކަރަންޓީން ފެސިލިޓީތައް އިމާރާތް ކުރުމުގައާ އެ ފެސިލިޓީތަކަށް މީހުން އުފުލުމުގައއާ ތިޔަ ސިފައިން އަދާކުރީ ވަރަށް މުހިއްމު ދައުރެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން ސިފައިން ކޮށްދެއްވި މަސައްކަތުން ހާމަވެގެން ދަނީ ގައުމަށް ދިމާވާ ބޮދެތި ކަންކަމުގައި ރައްޔިތުންނަށްޓަކައި ގުރުބާންވުމަށް ދިވެހި ސިފައިންގެ ހިތުގައި އޮތް އަޒުމާއި ހިތްވަރު ކަމަށެވެ.