މީޑިއާއިން ހާމަކުރާ މައުލޫމާތު ތަކުން ރައްޔިތުންނަށް އޮޅުން އެރުން ކުޑަ ކުރެވޭނީ އިދާރާތަކުން މައުލޫމާތު އަވަހަށް ހާމަކުރުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފުލުހުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބައެއް މީޑިއާތަކުން މައުލޫމާތު ހާމަކުރާ ގޮތުން މީހުންނަށް މައުލޫމާތު އޮޅިގެންދާ ކަމަށެވެ. މީޑިއާތަކުން ހާމަ ކުރާ މައުލޫމާތުން ރައްޔިތުންނަށް އޮޅުން އެރުމުން އެކަންކަމުގައި ރައްޔިތުންނަށް ފުލުހުންނަށް އޮންނަ އިތުބާރު ގެއްލިގެން ދާ ކަަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެހެން ކަން ދިމާވަނީ މައުލޫމާތު ވީ އެންމެ އަވަހަކަށް ރައްްޔިތުންނަށް ފޯރުކޮށް ނުދެވޭތީ ކަމަށާއި އެ މައުލޫމާތު އަވަހަށް ފޯރުކޮށް ދޭ ނަމަ އެފަދަ މައްސަލަަތައް ކުރިމަތި ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ސަރުކާރުގެ ފަރާތުން ރައްޔިތުން ބޭނުން ވަނީ އަދުލު އިންސާފް ގާއިމް ކުރުން ކަމަށާއި ޝަރީއަތްތައް އަވަސްކޮށް ތަހުގީގު ހަލުވިކޮށް މައްސަލަތައް އަވަހަށް ބެލެން ޖެހޭ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކޮވިޑް އާ ގުޅިގެން ދިމާވި ގޮންޖެހުނަތަކާއި ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ވަރަށް މުހިއްމު ކަންތައްތަކެއް އަދިވެސް ކުރަން ޖެހޭ ކަމަށެވެ. އެ ގޮތުން އިޖްތިމާއީ ވަރަށް ހިނަ މައްސަލަތަކެއް އެންމެ ކުރީއްސުރެ އަދިވެސް ހައްލުނުވެފައިވާ ކަމަށާއި އޭގެތެރޭގައި މަސްތުވާތަކެތީގެ މައްސަލައާއި ބިދޭސީންގެ މައްސަލައާއި ޖިންސީ ގޯނާގެ މައްސަލަތައްވެސް ހިމެނޭ ކަމަށް ރައީސް ވިދާލުވިއެވެ.