ރާއްޖޭގައި ކޮވިޑަށް މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ސްކޫލެއްގެ ސީނިއާ މެނޭޖްމަންޓް ސްޓާފެއް ހިމެނޭ ކަމަށް ހެލްތް އިމަޖެންސީ އޮޕަރެޝަން ސެންޓާ (އެޗްއީއޯސީ) އިން ބުނެފިއެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވީ، މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ސްކޫލެއްގެ ސީނިއާ މެނޭޖްމަންތް ބޭފުޅަކު ހިމެނޭ ކަމަށާއި، އޭނާއާ ޑައިރެކްޓް ކޮންޓެކްޓް ވި ކަމަށް ފާހަގަ ވެފައި ވަނީ މިހާތަނަށް 3 މީހަކު ކަމަށެވެ. އަދި މި 3 ސްޓާފުން މިޙާރު ވަނީ ކަރަންޓީނު ކުރެވިފައި ކަމަށް އެޗްއީއޯސީ އިން ބުނެއެވެ.

މިއަދު ޕޮޒިޓިވް ވީ ހުރަވީ ސްކޫލުގެ ސީނިއާ މެނޭޖްމަންޓްގެ ބޭފުޅެކެވެ.

ސީނިއާ މެނޭޖްމަންޓުގެ ބޭފުޅަކު ޕޮޒޮޓިވް ވުމާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ، ކޮންޓްކްޓް ޓްރޭސިންގެ މަސައްކަތަށާއި، ޑިކޮންޓަމިނޭޝަންގެ މަސައްކަތަށް ސްކޫލު ވަގުތީ ގޮތުން ބަންދު ކޮށްފައި ވާކަމަށެވެ.

ހުރަވީ ސްކޫލުގެ މެނޭޖުމަންޓުގެ އިސްބޭފުޅަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލުތައް ބަންދު ކޮށްފައި ބޭއްވުމަށް ފަހު ހުޅުވާލީ ހުސްވި ހަފްތާގެ ބުދަ ދުވަހުއެވެ. ސްކޫލުތައް ހުޅުވާލުމާއެކު މަތީ ގްރޭޑްތަކަށް ކިޔެވުންވެސް ވަނީ ފަށާފައެވެ.

މިއަދު ސީިނިއާ މެނޭޖްމަންޓުގެ ބޭފުޅަކު ޕޮޒިޓިވް ވި ހުރަވީ ސްކޫލަކީ 1000 ކުދިންގެ ޖާގައިގެ ސްކޫލެކެވެ.