އައިޖީއެމްއެޗް އައިސީޔޫގައި މަސައްކަތް ކުރާ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެ އިތުރަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ބަޔަކު ޕޮޒިޓިވް ވެ ޖުމްލަ 11 އަށް އަރައިފިއެވެ.

މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑރ. އަލީ ނަޒީމް ވިދާޅުވީ، އައިޖީއެމްއެޗުން ޖުމްލަ 11 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެތެރޭގައި ދާދި ފަހުން މަރުވި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދިޔަ އިންޑޮނޭޝިއާ މީހާގެ އިތުރުން 4 ސްޓާފަކާއި 4 ބަލިމީހެއްގެ އިތުރުން އެހީތެރިންގެ ގޮތުގައި އުޅުނު 3 މީހުން ކަމަށް ނަޒީމް ވިދާޅުވިއެވެ.

ކޮވިޑަށް ޕޮޒިޓިވްވި 4 ބަލިމީހުންގެ ތެރެއިން 2 މީހުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާއަށް ބަދަލު ކުރެވިފައި ކަމަށާއި ދެން ތިބި 2 މީހުން ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބަދަލު ކުރެވިފައި ކަމަށް ނަޒީމް ވިދާޅުވިއެވެ.

މީގެ އިތުރުން މިހާތަނަށް އެ ހޮސްޕިޓަލުގެ 27 ފަރާތެއް ހޯމް ކަރަންޓީން ކުރެވިފައިވާ ކަމަށާއި މިހާރުވެސް ވޯޑުތަކާއި ހޮސްޕިޓަލުގެ ތެރެއިން ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތް ކުރެވެމުން ދާ ކަމަށް ނަޒީމް ވިދާޅުވިއެވެ. ހޯމް ކަރަންޓީންކޮށްފައިވާ 27 ފަރާތުގެ ތެރޭގައި ހިމެެނެނީ 18 ނަރުހަކާއި 7 ޑޮކްޓަރަކާއި 2 ބަޔޯ މެޑިކަލް އިންޖިނިއާރުން ހިމެނެއެވެ.

އައިޖީއެމްއެޗުން ޕޮޒިޓިވް ކޭސްތައް ފެނުމާއެކު ހޮސްޕިޓަލަށް ޒިޔާރަތް ކުރާ މީހުން އަމަލު ކުރަންޖެހޭ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ. ނަޒީމް ވިދާޅުވީ، އުސޫލެއްގެ ގޮތުން އެމީހެއްގެ ރައްކާތެރިކަން ހޯދަން ޖެހޭނީ އެމީހަކު ކަމަށާއި، ނަމަވެސް ހޮސްޕިޓަލަށް މީހުން ޒިޔާރަތް ކުރުމާ އަދި ސްކްރީން ކުރުމުގެ ކަންކަން އިތުރަށް ވަރުގަދަ ކުރެވިފައި ވާ ކަަމަށެވެ.

ކޮވިޑަށް މިއަދު 25 ފަރާތެއް ޕޮޒިޓިވް ވެފައި ވާއިރު މި ބަލިން މިއަދު ރަނަގަޅު ވެފައި ވަނީ 54 ފަރާތެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން އާންމު ކުރި އަދަދު ތަކަށް ބަލާއިރު މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި ބަންގްލަދޭޝްގެ 4 މީހުންނާއި އިންޑިއާ އެކަކާއި ނޭޕާލް އެކަކެވެ. ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2435 އަށް އަރާފައިވާ އިރު މި ބަލިން ރަނގަޅު ވެފައި ވާ މީހުންގެ އަދަދު ވަނީ 2030 އަށް އަރާފައެވެ.